އެއްވެސް ކޯޓެއްގެ ޝަރީއަތުގެ އަޑުއެހުންތަކާއި ޝަރުއީ ދައިރާގެ ހަރަކާތްތައް ކަވަރުކުރުމަށް ފުރުސަތު ނުދިނުމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރެފައިވާ އިއުލާންގައި ބުނެފައިވަނީ މިދިޔަ ބުދަ ދުވަހުގެ ހެނދުނު ރާއްޖެ ޓީވީން ގެނެސްދީފައިވާ "ފަށާއިރު" ޕްރޮގްރާމްގައި، ޝަރުއީ ކޯޓުތަކާއި ފަނޑިޔާރުންނާއި، އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޙުރުމަތް ކެނޑޭ އަދި މުޅި ޝަރުޢީ ދާއިރާގެ ކަރާމާތާއި ޤަދަރަށް އުނިކަން ލިބޭ ފަދަ ކޮންޓެންޓް ގެނެސްދީފައިވާކަމަށެވެ.

އަދި ރާއްޖެ ޓީވީ ގެ މި ޢަމަލަކީ ކޯޓުގެ ޙުރުމަތް ރައްކާތެރިކުރުމާބެހޭ ގަވާޢިދު ގެ 4 ވަނަ މާއްދާގެ (ހ) ގެ 1، 8، 15 އަދި 16 ވަނަ ނަންބަރާ ޚިލާފު އަމަލެއްކަމަށް އެ އުލާން ގައި ބުނެފައި ވެއެވެ.

"މި މައްސަލަ ބަލައި ތަޙުޤީޤުކޮށް މި މައްސަލައިގައި އިތުރު ގޮތެއް ކަނޑައަޅަންދެން، ޝަރުޢީ އެއްވެސް ކޯޓެއްގެ ޝަރީޢަތުގެ އަޑުއެހުންތަކާއި، ޝަރުޢީ ދާއިރާއިން އިންތިޒާމްކުރާ އެއްވެސް ޙަރަކާތެއް ކަވަރ ކުރުމުގެ ފުރުޞަތު ރާއްޖެ ޓީވީ އަށް ނުދިނުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވަނީ ނިންމަވާފައި،" ސުޕްރީމް ކޯޓުން މިއަދު ނެރެފައިވާ އިއުލާންގައި ބުނެފައި ވެއެވެ.