ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމަށް ސުޕްރީމް ކޯޓުން އިއްވާފައިވާ 25 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް އެ ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ސުޕްރީމް ކޯޓުން އެފަދަ އަމުރެއް ނެރުނީ އެ ކޯޓުން ނާޒިމަށް އިއްވި ހުކުމް މުރާޖައާކޮށްދިނުމަށް އޭނާ އެ ކޯޓަށް ހުށަހެޅި މައްސަލާގައި އެފަދަ އަމުރަކަށް އެދިފައިވާތީއެވެ.

އެ އަމުރު ނެރެފައި ވަނީ ނާޒިމްގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމުގެ މައްޗަށާއި ގާނޫނު އަސާސީ އަށާއި އެބާވަތުގެ މައްސަލަތަކުގައި ވަގުތީ އަމުރު ނެރުމުގައި އަމަލުކުރަންޖެހޭ ދުސްތޫރީ އަދި ޝަރުއީ އުސޫލުތަކުގެ މައްޗަށް ވިސްނުމަށްފަހުގައި ކަމަށް އެ އަމުރުގައިވެއެވެ.

ނާޒިމަށް އިއްވާފައިވާ 25 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ކަމާބެހޭ އެންމެހައި ފަރާތްތަކަށް އަންގައި ވަނީ އަމުރުކޮށްފައެވެ.

ނާޒިމް 25 އަހަރަށް ޖަލަށްލުމަށް ހުކުމް އިއްވީ ދައުލަތުގެ ފައިސާއިން މަކަރާއި ހީލަތް ހެދުމުގެ ކުށް ސާބިތުވުމުންނެވެ.