04 Nov 2018, 16:28
މިދިޔަ ސެޕްޓެމްބަރު 28 ވަނަ ދުވަހު ޕީޕީއެމްއިން ބޭއްވި ކޮންގްރެސްއަކީ ސައްހަ ކޮންގްރެސްއެއް ކަމަށް ކަނޑައަޅައި، އެ ޕާޓީގެ ރައީސްއަކީ، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމުގައި ކަނޑައެޅުމަށް އެދި ޕީޕީއެމްއިން ހައިކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.
ދެހާސް ސޯޅަ ވަނަ އަހަރު ސިވިލް ކޯޓުން ޕީޕީއެމްގެ ހިންގުން ރައީސް ޔާމީނާ ހަވާލު ކުރުމަށް ކުރި ހުކުމުގައި އެ ޕާޓީގެ ގައުމީ ޖަލްސާއެއް ބޭއްވުމަށް ވަނީ އަންގައިފަ އެވެ. އެ ގައުމީ ޖަލްސާ ބާއްވާފައި ވަނީ ރިޔާސީ އިންތިހާބަށް ފަހު، ސެޕްޓެމްބަރު 28 ވަނަ ދުވަހު އެވެ.
އެ ގައުމީ ޖަލްސާގައި ވަނީ ޕާޓީގެ ރައީސް ކަމަށް އަބްދުﷲ ޔާމީން އިންތިހާބުކޮށްފަ އެވެ. އަދި ހަތަރު ނައިބު ރައީސް ކަމަށް އާޒިމާ ޝަކޫރު، އަބްދުއްރަހީމް އަބްދުﷲ، މޫސާ ޒަމީރު އަދި މުހައްމަދު ސައީދު އިންތިހާބުކޮށްފަ އެވެ.
ނަމަވެސް އެ ގައުމީގެ ޖަލްސާގެ ނިންމުންތައް ބަލައިނުގަންނަ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. އިލެކްޝަންސް ކޮމިޝަނުން އެ ގައުމީ ޖަލްސާގެ ނިންމުންތައް ބަލައިނުގަންނަން ނިންމާފައި ވަނީ އިޖުރާއަތްތައް ފުރިހަމަ ނުކުރާ ކަމަށް ބުނެ އެވެ.
އެނގިފައިވާ ގޮތުގައި މިދިޔަ ހަފްތާގެ ތެރޭގައި ޕީޕީއެމްގެ ފަރާތުން ހައިކޯޓަށް މައްސަލަ ހުށަހެޅީ އިލެކްޝަންސް ކޮޮމިޝަނުން ކޮންގްރެސް ބަލައިނުގަތުމަށް ނިންމި ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށާއި ކޮންގްރެސްގައި ހަމަޖެއްސި މަގާމުތައް ސައްހަ ކަމަށް ކަނޑައަޅައި ދިނުމަށެވެ. އެ މައްސަލަގެ އަޑުއެހުން މާދަމާއަށް ވަނީ ހައިކޯޓުގައި ތާވަލު ކޮށްފަ އެވެ.
ރައީސް ޔާމީން އަކީ ޕީޕީއެމްގެ ރައީސް ކަމަށް ކަނޑައަޅައިދިނުމަށް ހައިކޯޓަށް މައްސަލަ ވައްދާފައިވާ އިރު، ޕީޕީއެމްގެ ހިންގުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއާ ހަވާލު ކުރުމަށް ކަނޑައެޅުމަށް ވެސް އެ ޕާޓީގެ އަމިއްލަ ދެ މެމެބްރަކު ވަނީ ހައިކޯޓަށް މައްސަލަ ވައްދައިފަ އެވެ. މިހާރު ސުޕްރީމް ކޯޓުން ވަނީ އެ މައްލަސަ އެ ކޯޓުން ބަލަން ފަށައިފަ އެވެ.