ރާއްޖޭގެ ތިމާވެއްޓަށް ދިމާވެފައިވާ އެއް މައްސަލަކަމަށްވާ އެއްރަށުން އަނެއްރަށް ރުއްގަސް ބޭރުކުރުމުގައި ގޮންޖެހުންތައް އެބަހުރި ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފި އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓްރީގެ ޑިރެކްޓަރު ޖެެނެރަލް މުހައްމަދު ޒާހިރު ވިދާޅުވީ ރާއްޖޭގެ ތިމާވެއްޓާއި ގުދުރަތީ ކަންތައްތައް ހިމާޔަތްކުރުމަކީ ހަމައެކަނި އެ މިނިސްޓްރީގެ ޒިންމާއެއް ނޫން ކަަމަށެވެ.

"މުޅިން ދައުލަތުގެ ޒިންމާއެއް އެއީ. އަޅުގަނޑުމެންނަށް ފާހަގަކުރެވެނީ ނޫސްތަކުންނާއި ސޯޝަލް މީޑިއާގައި މިހާތަނަށް ކުރިމަތިކުރުވާފައި އޮތް ސުވާލުތަކަށް ބަލާ އިރު މުޅިން ވެސް ތިމާވެއްޓާ ބެހޭ ވުޒާރާޔަށް އަމާޒުވެފައި ވާތަން. ތިމާވެއްޓާ ބެހޭ ވުޒާރާއަކުން އެކަންޏެއް ނޫން މި މިއްސަލަތަކާ ބެހެނީކީ. އަދި މި ކަންތައްތައް ބަލަހައްޓަނީކީ ވެސް." ޒާހިރު ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ ރުށްގަސްތައް ނަގައިގެން އުޅޭ ކަމަށް ބުނެ ވާހަކަ ސޯޝަލް މީޑިއާ އަދި އެހެނިގެން ގޮތްގޮތުން ލިބުނުކަމުގައި ވިޔަސް ބައެއް ފަހަރު މައުލޫމާތު ނުލިބޭ ކަމަށެވެ. އަދި ބައެއް ފަހަރު މައުލޫމަތު ލިބިގެން ފިޔަވަޅު އަޅަންވެގެން ރުއްތައް ބޭރުކުރިޔަ ނުދީ ހިފެހެއްޓުމުގެ ސަބަބުން ރުއްތައް މަރުވާ ފަހަރު ވެސް އަންނަ ކަމަށެވެ.

"ސޯޝަލް މީޑިއާގައި އެއްޗެއް ދައުރުވާ އިރު އެބަހުރި ނުބައި ރަށްރަށުގައި ނަން ޖަހާފައި ފޮނުވާފައި. އެެއްވެސް ކަހަލަ ޝަކުވާއެއް އައިސްފިއްޔާ އަޅުގަނޑުމެން ވެރިފައި ކުރަން،" ނައީމް ވިދާޅުވި އެވެ.

އަދި އެ ފަދަ މައްސަލަތަކުގައި ސަރުކާރުގެ އެކިއެކި މުވައްސާސާތަކާ ގުޅިގެން ނޫނީ ފިޔަވަޅު އެޅެން ނޯންނަ ކަމަށް ވެސް ނައީމް ވިދާޅުވި އެވެ.

"އެހެންނޫނީ އެ ފަރާތްތަކުންމީ ގާނޫނީ މަރުހަލާތައް ފުރިހަމަ ކުރަމުންދާ އިރު ބަލަންވާވަރަށް ނުބެލި ފިޔަވަޅު އެޅިއްޖިއްޔާ އަނެއްކޮޅަށް ޖެހިގެން ވެސް ހިނގައިދާނެ. މިއަށް ވުރެ މާގިނަ ވަގުތު ނަގާނެ ތިމާވެށީގެ ކަންތައްތަކުގައި ފިޔަވަޅު އަޅަން." ނައީމް ވިދާޅުވި އެވެ.

އަދި އެ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓްރީގެ ޕާމެނަންޓް ސެކެޓްރީ އަޖުވަދު މުސްތަފާ ވިދާޅުވީ މުޅި ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް ބަލަހައްޓާ މުވައްސަސާއެއްގެ ގޮތުގައި އީޕީއޭ ކަނޑައަޅާފައި އޮތް ނަމަވެސް މުވައްޒަފުން ތިބިވަރާއިި ބަޖެޓާއި އަޅާބަލާއިރު ވެސް ގޮންޖެހުންތައް އެބަހުރި ކަމަށެވެ.

"އަޅުގަނޑުމެންނަކަށް ނެތް ކޮންމެ ރަށެއްގައި މުވައްޒިފުން ބައިތިއްބައިގެން އެކަން ކުރެވޭކަށް. އިންސިޑެންޓެއް ހިނގާ އިރު ޓީމް ޑިޕްލޯއީކުރެވޭކަށް ނެތް. ބަޖެޓް އެހެން ތަން ނުދޭތީ." އަޖުވަދު ވިދާޅުވި އެވެ.