އިންޑިއާ ކަނޑުގެ ގައުމުތަކުގެ އެކި މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް، ގައުމުތަކުގެ ސިޔާސަތު އެއްގޮތްކޮށް އެކުގައި މަސައްކަތް ކުރުމަށް އުފައްދާފައިވާ، އިންޑިޔަން އޯޝަން ރިމް އެސޯސިއޭޝަން (އަޔޯރާ)ގެ މެމްބަރުކަން ރާއްޖެއަށް ލިބިއްޖެ އެވެ.

އަޔޯރާގައި ރާއްޖެ ބައިވެރި ކުރަން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނިންމެވީ މިދިޔަ އަހަރުގެ މެއި މަހުގަ އެވެ. އަދި އެއަހަރުގެ އޮގަސްޓު މަހު ރައްޔިތުންގެ މަޖިލީހުން ވަނީ އެނިންމުމަށް ރުހުން ދީފަ އެވެ.

އަޔޯރާގެ މެމްބަރުކަން ރާއްޖެއަށް ދީފައި ވަނީ އެޖަމްއިއްޔާގެ ކައުންސިލް އޮފް މިނިސްޓާސްއިން މިދިޔަ ހުކުރު ދުވަހު ދެކުނު އެފްރިކާގެ ޑާބަންގައި ބޭއްވި ބައްދަލުވުމެއްގަ އެވެ.

ރާއްޖޭގެ މެމްބަރުކަމާ ބެހޭ ގޮތުން އަޔޯރާގައި ފުރަތަމަ ބަހުސް ކުރީ މިދިޔަ ޖުލައި މަހުގަ އެވެ. ނަމަވެސް އޭރު މޮރިޝަސްއިން ވަނީ ރާއްޖޭ މެމްބަރަކަށް ވުމާ ދެކޮޅު ހަދާފާނެ ކަމުގެ އިޝާރާތެއް ދީފަ އެވެ. އަދި އިންޑިއާއިން ވަނީ އެމަޝްވަރާތައް ލަސްކުރުމަށް އެދިފަ އެވެ.

ދި ވަޔާގައިވާ ގޮތުން މޮރިޝަސް އިން އޭރު ރާއްޖޭގެ މެމްބަރު ކަމަށް ދެކޮޅު ހެދީ، ފޯޅަވަހީގެ ސިޔާދަތާ ބެހޭ ގޮތުން ގޮތެއް ނިންމުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ގޮވާލައި އދ.ގެ އާއްމު މަޖިލީހުގައި ނެގި ވޯޓެއްގައި، ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ވޯޓު ދިނުމުންނެވެ.

ނަމަވެސް މޮރިޝަސްގެ އެނިންމުން ބަދަލު ކުރީ އިންޑިއާއިންނެވެ. އެގޮތުން އިންޑިއާއިން ވަނީ ރާއްޖޭގެ އާ ސަރުކާރަށް ފުރުސަތު ދޭން ޖެހޭ ކަމަށް ބުނެފަ އެވެ.

އަޔޯރާގެ މައިގަނޑު މަޤްޞަދަކީ އިންޑިއާ ކަނޑުގެ ޤައުމުތަކުގެ އެކި މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް، ގައުމުތަކުގެ ސިޔާސަތު އެއްގޮތްކޮށް އެކުގައި މަސައްކަތް ކުރުމެވެ.

އަޔޯރާ އިން މަސައްކަތް ކުރާނެ މައިގަނޑު ދާއިރާތަކަކީ އިޤްތިސާދީ ދާއިރާ އާއި، ސައިންސް އާއި ޓެކްނޮލޮޖިކަލް ދާއިރާ އާއި މަސްވެރިކަމުގެ ދާއިރާ އާއި ޓޫރިޒަމްގެ ދާއިރާ އަދި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމުގެ ދާއިރާއެވެ.