04 Nov 2018, 13:11
އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ލެޕްޓޮޕްތަކެއް ވަގަށް ނެގި މައްސަލައެއްގައި އަށް މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ އައިޔޫއެމްގެ ހަތަރު ވަނަ ފަނގިފިލާގައި ހުރި ލެޕްޓޮޕްތަކެއް ވަގަށް ގެންދިޔަ މައްސަލަ ފުލުހުންނަށް ހުށަހެޅީ މިދިޔަ މަހު 29 ވަނަ ދުވަހުގެ 07:54 ގައި ކަމަށެވެ.
އަދި އެ މައްސަލައާ ގުޅިގެން ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަގަށް ނަގާފައިވާ ލެޕްޓޮޕްތަކާއި ބައެއް އިލެކްޓްރޯނިކް ސާމާނު ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނެފައި ވަނީ އެ މައްސަލައާ ގުޅުން ހުރި އަށް މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރީ ދިވެހި ތިން ފިރިހެނަކާއި ފަސް ބިދޭސީންނެވެ. ހައްޔަރު ކުރި ފަސް ބިދޭސީންނަކީ ގާނޫނާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބައެއް ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލާގައި ހައްޔަރު ކުރި ތިން ދިވެހިންގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ދިން އިރު ފަސް ބިދޭސީން ވަނީ އިމިގްރޭޝަނާ ހަވާލު ކޮށްފަ އެވެ.
އައިޔޫއެމް އިން ވައްކަން ކުރި މައްސަލާގައި އަށް މީހަކު ހައްޔަރު ކޮށްފައިވާ އިރު، އެސްޓާސްގެ ލެޕްޓޮޕްތަކެއް ވަގަށްނަގާފައިވާ މައްސަލާގައި އެސްޓާސް ފިހާރަ ތެރެއިން 39 އަހަރުގެ ދިވެހި ފިރިހެނެއް އޮކްޓޯބަރު 29 ވަނަ ދުވަހު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެ މީހާ އަށް ވަނީ 10 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފަ އެވެ.