މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އިދިކޮޅު އިއްތިހާދުގެ އެއްވުމެއްގެ ތެރޭގައި މާސްކް ބަހަން ހުއްޓާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފު ހައްޔަރުކުރީ މެމެބަރުންގެ އިމްތިޔާޒުތަކުގެ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ.

މުޖުތަމައުގެ ސަލާމަތައް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބުނެ ކޯޓު އަމުރެއްގެ ދަށުން މަހްލޫފު ހައްޔަރު ކުރީ އެކެއް ފެބްރުއަރީގެ ހުކުމަށް ފަހު އާޓިފިޝަލް ބީޗު ކައިރީގައި ހުންނަ އެމްޑީޕީ ހަރުގެ ކުރިމަތީގައި ބޭއްވި ސިލްސިލާ އެއްވުންތަކުގެ ތެރެއިން ފެބްރުއަރީ 22 ވަނަ ދުވަހު އެއްވުމުގެ ބައިވެރިންނަށް މާސްކް ބަހަން ހުއްޓައެވެ.

އެއްވުމުގެ ބައިވެރިންނަށް މާސްކް ބެހި މައްސަލައިގައި ހައްޔަރުކޮށް 43 ދުވަސް ވަންދެން މަހްލޫފު ޖަލުގައި ގެންގުޅެފައިވެއެވެ. އަދި އެ މައްސަލައިގައި އޭނާގެ މައްޗަށް ވަނީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ ކޮށްފައެވެ.

މަހްލޫފު ހައްޔަރު ކުރި މައްސަލަ އޭނާގެ ފަރާތުން އިސްތިއުނާފު ކުރުމުން، ހައިކޯޓުން މިއަދު ނިންމީ، އޭނާ ހައްޔަރުކޮށް، ބަންދުގައި ގެންގުޅެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުގެ އިމްތިޔާޒުތަކުގެ ގާނޫނާ ހިލާފަށް ކަމަށެވެ.

އަދި އޭރު ކުއްލި ހާލަަތުގެ ދަށުން ބައެއް ގާނޫނުތައް ސަސްޕެންޑުކޮށްފައި ވީ ނަމަވެސް މެމްބަރުންގެ އިމްތިޔާޒުތަކުގެ ގާނޫނު ސަސްޕެންޑު ނުކުރާކަން ހުކުމުގައި ފާހަގަ ކުރިއެވެ. އޭގެ އިތުރުން މަޖިލީހުގެ މެމްބަރަކު ހައްޔަރު ކުރާ ކަމަށްވާނަމަ ހައްޔަރު ކުރުމުގެ އަމުރަކަށް ސުޕީރިއާ ކޯޓެއްގައި އެދެން ޖެހޭނީ ދައުލަތުގެ ޕްރޮސެކިއުޓާ ޖެނެރަލް ކަން ހުކުމުގައި ފާހަގަ ކުރިއެވެ. މަހްލޫފު ހައްޔަރު ކުރީ ފުލުހުންގެ ދައުރަށް ހުރަސް އެޅުމުގެ ކުށް ކުރަމުން ދަނިކޮށް ކަމަށް ފުލުހުން ބުނި ނަމަވެސް މަހްލޫފު ހައްޔަރު ކުރީ ކުށް ކުރަމުން ދަނިކޮށް ނޫން ކަމަށާއި އޭނާ ހައްޔަރު ކުރަން އަމުރު ނެރުނީ ވެސް ކުރިޔާލާކަން އެނގެން އޮންނަ ކަމަށް ހައިކޯޓުގެ ހުކުމުގައި ފާހަގަ ކުރިއެވެ.

ނިިމިގެން މިދާ ރައީސް ޔާމީންގެ ދައުރުގެ ތެރޭގައި މަހްލޫފުގެ މައްޗަށް ވަނީ ގިނަ ދައުވާތަކެއް ކޮށްފައެވެ. އެގޮތުން ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަން މައްސަލައިގައި ހަ މަހުގެ ހުކުމެއް ވެސް އޭނާއަށް ކުރިއެވެ. އަދި ފުލުހުންނަށް ފިލަން އުޅުނު ކަމަށް ބުނެ އޭނާގެ މައްޗަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ވެސް ކުރިއެވެ.