ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ގާނޫނީ ވަކީލު ހިސާން ހުސެއިން، ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ތުޅާދޫ ދާއިރާއަށް ކުރިމަތިލައްވަން ނިންމަވާފައިވާކަން އިއުލާނު ކުރައްވައިފި އެވެ.

ހިސާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ތުޅާދޫ ދާއިރާގެ ގޮނޑިއަށް ވާދަ ކުރައްވަން ނިންމަވާފައިވާ ކަމަށާއި އެ ދާއިރާގައި ހިމެނޭ، ގޮއިދޫ، ފުޅަދޫ، އަދި ފެހެންދޫ ރައްޔިތުން ތަމްސީލް ކުރުމުގައި ފުރުސަތު އޭނާއަށް އެ ރައްޔިތުން ދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އޭނާގެ ޓުވީޓުގައި ވިދާޅުވީ އެ ނިންމުމަކީ އިންސާފުގެ މަގަށް ފަށާފައިވާ މަސައްކަތުގައި ދެމިހުރުމުގެ ގޮތުން ނިންމެވި ނިންމުމެއް ކަމަށެވެ.

މީގެ ކުރިން ވެސް ހިސާން ވަނީ ރައްޔިތުންގެ މަޖިލީހަށް ވާދަ ކުރައްވައިފަ އެވެ. ދެހާސް ސާދަ ވަނަ އަހަރު އޭދަފުށީ ދާއިރާއަށް ކުރިމަތިލެއްވި ނަމަވެސް އެ ފަހަރު ވަނީ އިންތިހާބުގައި ނާކާމިޔާބުވެ ވަޑައިގެންފަ އެވެ.

ނިމިގެން މިދާ ރައީސް ޔާމީންގެ ދައުރުގެ ތެރޭގައި ހިސާން ވަނީ، އިދިކޮޅުގެ ގިނަ ލީޑަރުންގެ ދިފާއުގައި ކޯޓުގައި ވަކާލާތު ކުރައްވައިފަ އެވެ. އަދި މި އަހަރުގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ގަބޫލު ނުކުރައްވައި، އިންތިހާބުގެ ނަތީޖާ ބާތިލުކޮށްދިނުމަށް ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ވެއްދި ދުސްތީރީ މައްސަލައިގެ ތެރެއަށް ތަދައްހުލްވި އިިދިކޮޅު އިއްތިހާދުގެ ޕާޓީޓައް ކޯޓުގައި ތަމްސީލު ކުރެއްވީ ވެސް ހިސާން އެވެ.

ރައީސް ނަޝީދުގެ ސަރުކާރުގައި ހިސާން ވަނީ ރައީސް އޮފީހުގެ ލީގަލް އެފެއާޒް ޑިޕާޓްމަންޓް ވެސް ހިންގަވައިފަ އެވެ. އަދި އޭނާ އަކީ އިންތިހާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހުގެ އިންތިހާބީ އެޖެންޓް ވެސްމެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮންނާނީ އަންނަ މާޗް މަހުގެ ތެރޭގަ އެވެ. އެ އިންތިހާބަށް ތައްޔާރުވުމަށް މިހާރު އެ ކޮމިޝަނުން ވަނީ ފަށައިފަ އެވެ.