04 Nov 2018, 12:04
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް، މަޖިލިސްގެ ރައީސްގެ މަގާމަށް އިންތިހާބު ކުރުމުން ގާނޫނީ ވަކީލު އަދި ރައީސް އޮފީސްގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝުކޫރު ސުވާލުތަކެއް އުފައްދަވައިފި އެވެ.
މިދިޔަ ބުރާސްފަތު ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުން ވަނީ ގާސިމް އިބްރާހިމް ބޮޑު އަޣުލަބިއްޔަތަކުން މަޖިލިސްގެ ރައީސް ކަމަށް އިންތިހާބުކޮށްފަ އެވެ.
އެ ކަމާ ގުޅިގެން ގާނޫނު އަސާސީގެ މައްދާތަކާ ހަވާލާދީ އަޒިމާ އޭނާގެ ފެސްބުކް އެކައުންޓްގައި ރޭ ވަނީ ގާނޫނީ ސުވާލުތަކެއް ކުރައްވައިފަ އެވެ.
ވަގުތީ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވާ ބޭފުޅަކީ ރައީސްލުޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ޝަރުތު ހަމަވާން ޖެހޭނެ ބޭފުޅަކަށް ވާން ޖެހޭނެ ކަމަށް ގާނޫނު އަސާސީއާ ހަވާލާދީ އާޒިމާ ވަނީ އިޝާރާތް ކުރައްވައިފަ އެވެ.
ގާނޫނު އަސާސީގެ 124 މައްދާގެ (ށ)ގައި ބުނެފައި ވަނީ އެއްވެސް ހާލަތެއްގައި ރައީސުލްޖުމްހޫރިއްޔާ އަދި ނައިބު ރައީސް ކަމުގެ މަގާމު ހުސްވެއްޖެ ނަމަ އެ މަގާމާ ވަގުތީ ހަވާލު ވާނީ ރައްޔިތުންގެ މަޖިލިސްގެ ރައީސް، ރައްޔިތުންގެ މަޖިލީސްގެ ރައީސް އެކަމާ ހަވާލުވެވެން ނެތް ނަމަ، މަޖިލިސްގެ ނައިބު ރައީސް ކަމަށެވެ.
އާޒިމާ ވިދާޅުވީ އެހެންކަމުން އަލަށް ރައްޔިތުންގެ މަޖިލިސްގެ ރައީސްގެ މަގާމަށް އިންތިހާބުވި ގާސިމަކީ 65 އަހަރުން މަތީގެ ބޭފުޅަކަށް ވުމުން އޭނާ އަށް ވަގުތީ ގޮތުން ވެސް ރައީސުލްޖުމްހޫރިޔާ ކަމުގެ މަގާމަށް ނާދެވޭނެ ކަމަށެވެ.
ދެހާސް ފަނަރަ ވަނަ އަހަރު ރައްޔިތުންގެ މަޖިލިސް އިން ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ އުމުރު 30 އަހަރާއި 65 އަހަރާ ދެމެދުގެ މިހާކަށް ވާން ޖެހޭނެ ކަމަށް ބުނެ ގާނޫނު އަސާސީ އިސްލާހުކޮށްފަ އެވެ.
"ރައްޔިތުންގެ މަޖިލިސް މެމްބަރުންގެ ތެރެއިން އެ މަޖިލިސްގެ ރައީސް އަކަށް އިންތިހާބުވާ މީހެއްގެ ހުންނަ ޖެހޭ ޝަރުތުތައް ގާނޫނު އަސާސީގައި ބުނެފައި ނުވޭ،"
"ނަމަވެސް މިހާލަތުގައި ވަރަށް ގިނަ ބަޔަކު އުފައްދާ ސުވާލަކީ، ގާސިމް މަޖިލިސްގެ ރައީސް ކަމަށް ޝަރުތުހަމަވޭތޯ އެވެ. ބައެއް ބޭފުޅުން ގަބޫލުކުރާ ގޮތުގައި، ރައީސްޖުމްހޫރިއްޔާ އަދި ނައިބު ރައީސް ކަމުގެ މަގާމު ހުސްވެއްޖެ ހާލަތެއްގައި އެމަގާމާ ހަވާލުވާނީ މަޖިލިސް ރައީސް ކަމަށެވެ. އެހެން ކަމަށްވާ ނަމަ ދެން އުފެދޭ ސުވާލަކީ އޮޓޯ އިން ރައީސުލްޖުމްހޫރިއްޔާގެ ޝަރުތުތައް މަޖްލިސް ރައީސްގެ ޝަރުތުތަކަށް ހިމެނޭނެ ބާ އެވެ." ގާނޫނީ ވަކީ އާޒިމާ ލިޔުއްވައިފައިވެ އެވެ.

ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރު -- ފޮޓޯ/ ރައީސް އޮފީސް
އާޒިމާ ވިދާޅުވީ ނަމަވެސް ބައެއް ބޭފުޅުންގެ ނަޒަރުގައި ގާސިމަށް މަޖިލިސްގެ ރައީސް ކަމުގެ މަގާމުގައި ހުރެވޭނެ ކަމަށާއި އެއީ ގާނޫނު އަސާސީގައި ރައިސުލްޖުމްހޫރިއްޔާ ކަމުގެ ޝަރުތުތައް، މަޖިލިސްގެ ރައީސް ޝަރުތަކުގައި ހިމަނާފައި ނުވާތީ އެވެ. އަދި މަޖިލިސްގެ ރައީސް އަށް ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވެން ނެތް ނަމަ، މަޖިލިސްގެ ނައިބު ރައީސް އަށް އެމަގާމާ ހަވާލުވެވޭނެ ކަމަށް ގަނޫނު އަސާސިގައި ބުނެފައި ވާތީ ކަމަށެވެ.
"ދެން އުފެދޭ ސުވާލަކީ އެ ހާލަތުގައި ދައުލަތުގައި އިސްކޮށް ހުންނަވާނީ މަޖިލީހުގެ ރައީސްތޯ ނުވަތަ މަޖިލިސްގެ ނައިބު ރައީސްތޯ،" އާޒިމާ ސުވާލު އުފެއްދެވި އެވެ.
އަދި އާޒިމާ ވިދާޅުވީ މިއީ އެނާގެ އަމިއްލަ ހިޔާލު ނޫން ކަމަށާއި މިސުވާލުތަކުގެ ޖަވާބު މަޖިލިސްގެ ކައުންސެލް ޖެނެރަލް އިން ޖަވާބު ދެއްވަން ޖެހޭނެ ކަމަށެވެ. އަދި ގާނޫނު އަސާސީގައި ސީދާ މިކަމާ ގުޅޭ ގޮތުން އެއްޗެއް ބުނެފައި ނުވާހިދު މިކަމާ ގުޅިގެން މަޖިލިސްގެ ނިންމެވުމަކީ ކޮބައި ކަން އެނގެން ޖެހޭ ކަމަށް އާޒިމާ ލިޔުއްވާފައިވެ އެވެ.
އާޒިމާ ކުރެއްވި އެހެން ޕޯސްޓެއްގައި ވިދާޅުވީ ގާސީމް މަޖިލިސްގެ ރައީސް ކަމަށް ޝަރުތު ހަމަވޭތޯ ނުވަތަ ނޫންތޯ ސުވާލު އުފައްދަނީ ނޫން ކަމަށާއި އެކަމަނާ އުފެއްދެވީ ޖަވާބު ލިބެން ޖެހޭ ގާނޫނީ ސުވާލުތަކެއް ކަމަށެވެ.