ސްޕެނިޝް ލަލީގާގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ހެޓްރިކަކުން ރެއާލް މެޑްރިޑު މޮޅުވިއިރު، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ލިއޮނަލް މެސީ ކާމިޔާބުކުރި ހެޓްރިކަކުން ޗެމްޕިއަން ބާސެލޯނާ މޮޅުވެއްޖެ އެވެ.

ރަޔޯ ވަލެކާނޯ އާ ވާދަކޮށް ރެއާލް މެޑްރިޑް މޮޅުވީ 6-2 ލަނޑުންނެވެ. ފުރަތަމަ ލަނޑު މެޗުގެ ފުރަތަމަ މިނެޓުގައި ރަޔޯ އަށް ކާމިޔާބުކޮށްދީ ލީޑު ހޯދައިދިނީ މިކެލް ޕެރޭޒް ކެސްޓާ އެވެ. މެޗުގެ 39 ވަނަ މިނެޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ރެއާލް އަށް ނަތީޖާ ހަމަހަމަ ކޮށްދިން އިރު، ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ގޮންޒާލޯ ހިގުއައިން ރެއާލް އަށް ފުރަތަމަ ފަހަރަށް ލީޑް ހޯދައިދިނެވެ.

މެޗުގެ 51 ވަނަ މިނެޓުގައި ރެއާލް މެޑްރިޑަށް ލިބުނު ޕެނަލްޓީއަކުން ރޮނާލްޑޯ ދެވަނަ ލަނޑެއް ކާމިޔާބު ކޮށްދީ ތިންލަނޑުގެ ލީޑެއް ހޯދައިދިނެވެ. އޭގެ ހަތަރު މިނެޓް ފަހުން ރަޔޯ އަށް ފުރަތަމަ ލަނޑު ޖަހައިދިން ޕެރޭޒް ކެސްޓާ އިތުރު ލަނޑެއް ކާމިޔާބު ކޮށްދީ ރެއާލް އިން ހޯދާފައިވާ ލީޑު ހަނިކުރިއެވެ. މެޗުގެ 67 ވަނަ މިނެޓުގައި ރަފެއަލް ވެރޭން ރެއާލް އަށް އަލުން ލީޑު ފުޅާކޮށް ދިނެވެ. މެޗުގެ 73 ވަނަ މިނެޓުގައި ކަރިމް ބެންޒެމާ ލަނޑެއް ކާމިޔާބުކުރިއިރު، ރެއާލް އަށް ލިބުނު ޕެނަލްޓީއަކުން ރޮނާލްޑޯ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. މިމެޗު ނިމިގެންދިޔައީ 6-2 ލަނޑުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.

ޗެމްޕިއަން ބާސެލޯނާ އިން އެތްލެޓިކޯ މެޑްރިޑް މައްޗަށް ކުރިހޯދީ 5-0 ލަނޑުންނެވެ. މެޗުގެ ނުވަނަ މިނެޓުގައި ޑޭވިޑް ވިޔާ ވަނީ އެތްލެޓކޯ މެޑްރިޑުގެ ގޯލު ހުޅުވާލާފައެވެ. މެޗުގެ ފަނަރަ ވަނަ މިނެޓުގައި މިރޭންޑާ އަތުން ބައިކޮޅަށް ލަނޑެއް ވަދެ ބާސާ އަށް ދެލަނޑުގެ ލީޑެއް ލިބިގެން ދިޔައެވެ. މެޗުގައި ދެން ފެނިގެންދިޔައީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ލިއޮނަލް މެސީގެ ހެޓްރިކެކެވެ. މެސީގެ ލަނޑުތައް ފެނިގެންދިޔައީ މެޗުގެ 26، 78 އަދި 90 ވަނަ މިނެޓުގައެވެ.
މިސީޒަނުގައި ވެލެންސިއާ އިން މޮޅުވަމުން ދިޔަ ރެކޯޑު ސެވިއްޔާ އިން ވަނީ ހުރަސް އަޅާފައެވެ. ސެވިއްޔާ އިން ވެލެންސިއާ ގެ މައްޗަށް ކުރީ ހޯދީ 1-0 ލަނޑުންނެވެ. މެޗުގައި ޖެހި ހަމައެކަނި ލަނޑު 18 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ފްރެޑެރިކް ކަނޫޓޭ އެވެ. މެޗުގައި ދެއްކި ތިން ރަތް ކާޑުގެ ތެރެއިން ދެ ރަތް ކާޑު ދެއްކީ ސެވިއްޔާ އަށެވެ.

އެތްލެޓީކް ބިލްބާއޯ އާއި ވިލަރެއާލް ބައްދަލުކުރި މެޗު ނިމިގެންދިޔައީ 1-1 ލަނޑުން އެއްވަރު ވެގެންނެވެ. މެޗުގެ 43 ވަނަ މިނެޓުގައި އިގޯ ގަބިލަންޑޯ އެތްލެޓީކް ބިލްބާއަށް ލީޑު ހޯދައިދީފައި ވަނިކޮށް މެޗުގެ 53 ވަނަ މިނެޓުގައި ވިލަރެއާލް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ނިލްމާ އެވެ.

ލީގުގައި އެއްވަނާގައި އެއްމެޗު ހަތަރު މެޗު ކުޅެގެން ލިބުނު ބާރަ ޕޮއިންޓާއެކު އެއްވަނާގައި އޮތީ ރެއާލް ބެޓީސް އެވެ. ފަސްމެޗު ކުޅެގެން ލިބުނު އެގާރަ ޕޮއިންޓާއެކު ގޯލުގެ ތަފާތުން ދެވަނާގައި ބާސެލޯނާ އުޅޭއިރު ތިންވަނާގައި އޮތީ ސެވިއްޔާ އެވެ. ހަތަރު ވަނާގައި ދިހަ ޕޮއިންޓާއެކު ހަތަރު ވަނާގައި އޮތީ ރެއާލް މެޑްރިޑެވެ.
ސްޕެނިޝް ލަލީގާގައި މިރޭ ވެސް މެޗުތަކެއް ކުޅުމަށް ހަމަޖެހިފައި ވެއެވެ. ތިރީގައި އެވަނީ މިރޭ ކުޅޭ މެޗުތަކުގެ ޝެޑިއުލް އެވެ.
15:00 : މަލޯކާ – ރެއާލް ސޮސިއެޑާޑް
19:00 : ލަވެންޓޭ – އެސްޕާނިޔޯލް
20:00 : ގްރެނޭޑާ – އޮސަސޫނާ
23:00 : ސްޕޯޓިންގް – ރޭސިންގް ސަންޓެންޑާ

26 ސެޕްޓެމްބަރު 2011 (ދަންވަރު)
01:00 : ރެއާލް ޒަރަގޯޒާ - މަލާގާ