ކޮލަމްބޯ(ނޮވެމްބަރު 4): ސްރީ ލަންކާގެ އާ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައަށް ތާއިދު ނުކުރާނެ ކަމަށް ޓަމިލް ނޭޝަނަލް އެލަޔަންސް (ޓީއެންއޭ)އިން ބުނެފިއެވެ.

ޓީއެންއޭއިން އިއްޔެ ނެރުނު ބަޔާނެއްގައިވާ ގޮތުން ރައީސް މައިތިރިޕާލާ ސިރިސޭނާ އެގައުމުގެ ބޮޑުވަޒީރު ކަމަށް ރާޖަޕަކްސަ އައްޔަން ކުރެއްވީ ގާނޫނު އަސާސީއާ ހިލާފަށެވެ. އެހެންކަމުން އެގައުމުގެ ގާނޫނު ހަދާ މަޖިލިސް ހުޅުވުމާއެކު ނަގަން ހަމަޖެހިފައިވާ އިތުބާރު ނެތް ކަމުގެ ވޯޓުގައި، ޓީއެންއޭއިން ވޯޓު ދޭނީ ރާޖަޕަކްސައާ ދެކޮޅަށެވެ.

ރާޖަޕަކްސަގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން ހުށަހަޅާފައި ވަނީ ބޮޑުވަޒީރު ކަމުން ދުރުކޮށްފައިވާ ރަނިލް ވިކްރަމަސިންހަގެ ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ)އިންނެވެ.

ލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި ޓީއެންއޭއަށް ނިސްބަތްވާ 15 މެމްބަރުން ހިމެނެއެވެ. އަދި ބޮޑުވަޒީރު މަގާމުން ދުރު ކުރަން އެގައުމުގެ މަޖިލީހުގެ 225 މެމްބަރުންގެ ތެރެއިން 113 މެމްބަރުންގެ ވޯޓު ބޭނުންވާނެއެވެ.

ކަމާ ބެހޭ ފަރާތްތަކުން ބުނާ ގޮތުގައި މިހާރު މަޖިލީހުގައި ތިއްބެވި ރާޖަޕަކްސައަށާއި ވިކްރަމަސިންހައަށް ތާއިދު ކުރާ މެމްބަރުންގެ އަދަދު ވަނީ ގާތްގަނޑަކަށް އެއްވަރުވެފައެވެ.

ނަމަވެސް ދާދި ފަހުން ވިކްރަމަސިންހަގެ ޕާޓީއަށް ނިސްބަތްވާ ހަ މެމްބަރުން ވަނީ ސިރިސޭނާ އިސްކޮށް ހުންނަވާ ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލަޔަންސް (ޔޫޕީއެފްއޭ)އާ ގުޅިވަޑައިގެންފައެވެ. އޭގެ ތެރެއިން ފަސް މެމްބަރުންނަށް ވަނީ ކެބިނެޓުގެ މަގާމުތައްވެސް ދެއްވާފައެވެ.

އޭގެ ސަބަބުން ޔޫއެންޕީން ވަނީ ރާޖަޕަކްސައަށް ތާއިދު ކުރާ ފަރާތްތަކުން މަޖިލިސް މެމްބަރުންނަށް އެތައް މިލިއަން ޑޮލަރާއި މިނިސްޓަރުކަން ދިނުމަށް ހުށަހަޅަމުންދާ ކަމަށް ތުހުމަތުކޮށްފައެވެ.

ނަމަވެސް ރާޖަޕަކްސަގެ ދަރިކަލުން ނަމާލް ވަނީ އެފަދަ މައްސަލައަކާ ބެހޭ ގޮތުން އެނގިނުލައްވާ ކަމަށް ވިދާޅުވެފައެވެ.