04 Nov 2018, 09:34
ވޮޝިންގަން (ނޮވެމްބަރ 4) : ރިޔާޒްގެ ރިޒްކާލްޓަން ހޮޓަލުގައި މީގެ އަހަރެއްހާ ދުވަސްކުރިން ސައޫދީ ސަރުކާރުން ހައްޔަރު ކޮށްގެން ގެންގުޅުނު އެގައުމުގެ ޝާހީ އާއިލާގެ އަމީރުންނާއި ސަރުކާރުގެ ކުރީގެ ބައެއް މަސްއޫލުވެރިންނާ އަދި މަޝްހޫރު ވިޔަފާރިވެރިންނަށް އެކިވަރުގެ އަނިޔާތައް ދީފައިވާކަން ހާމަވެއްޖެ އެވެ.
ސައޫދީ އެތެރޭގެ ބައެއް ސޯސްތަކާ އަދި އެމެރިކާ ސަރުކާރުގެ ޖާސޫސީ ދާއިރާތަކާ ހަވާލާދީ އެންބީސީ ޓީވީ ނެޓްވާކް ބުނާ ގޮތުން މީގެ އަހަރެއްހާ ދުވަސްކުރިން ރިޒްކާލްޓަން ހޮޓަލުގައި ހައްޔަރުކުރި މީހުންނަށް ކުރި އަނިޔާތަކުގެ ތެރޭގައި ނިދިން މަހްރޫމް ކުރުމާއި ސުވާލުކުރުމުގެ ތެރޭގައި ތެޅުމާއި ހާސްވާ ގޮތަށް ބޮލުގައި ކޮތަޅު ފަދަ ތަކެތި އެޅުވުން ފަދަ ކަންކަން ހިމެނެ އެވެ.
އެހޮޓަލުގައި ހައްޔަރުކޮށްގެން ގެންގުޅުނު މީހުންގެ ތެރެއިން ގިނަ މީހުން ވަނީ މީގެ ހައެއްކަ މަސްކުރިން ދޫކޮށްލައިފަ އެވެ. އަދި އަނެއްބަޔަކު ވަނީ މީގެ ދެތިން ހަފްތާކުރިން ދޫކޮށްލައިފަ އެވެ. ނަމަވެސް މަދު އަދަދެއްގެ ބަޔަކު އަދިވެސް ހައްޔަރުކޮށްފައި އެބަތިބި ކަމަށާއި އެމީހުން މިހާރު ތިބީ އެހޮޓަލުގައި ނޫންކަމަށް އެންބީސީ ނެޓްވާކް ބުނެ އެވެ.
ރިޔާޒްގެ ރިޒްކާލްޓަން ހޮޓަލުގައި ހައްޔަރުކުރި މީހުންގެ ތެރެއިން މަރުވެފައި ވަނީ ސައޫދީ ސިފައިންގެ ޖެނެރަލެއް ކަމަށްވާ އަލީ އަލްގަހްތާނީ އެވެ. އޭނާއަކީ ސައޫދީ ޝާހީ އާއިލާގެ މެންބަރެއްކަމަށްވާ އަމީރު ތުރުކީ ބިން އަބްދުﷲގެ އެހީތެރިއެކެވެ. ރިޒްކާލްޓަން ހޮޓަލުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ އެންމެ މަޝްހޫރު ސައޫދީ ޝާހީ އާއިލާގެ ބޭފުޅަކީ ސައޫދީ މަހުޖަނު ވަލީދުބިން ތަލާލް އެވެ. އެހޮޓަލުގައި އެބޭފުޅުން ހައްޔަރުކުރީ ކޮރަޕްޝަނުގެ ތުހުމަތުގަ އެވެ.
ހައްޔަރުކުރި މީހުންގެތެރެއިން ގިނަ ބޭފުޅުން މިނިވަންކުރީ އެބޭފުޅުންގެ ފައިސާއާއި މުދަލުގެ ބޮޑުބައެއް ސައޫދީ ސަރުކާރަށް ދިނުމަށް އެއްބަސްވުމުން ކަމަށާ ވަލީދުބިން ތަލާލްފަދަ ބޭފުޅުން އެބޭފުޅުންގެ މުއްސަނދި ކަމުގެ ދެބައިކުޅަ އެއްބައި ސައޫދީ ސަރުކާރަށް ދިނުމަށް އެއްބަސްވެފައި ވަނީ ބިރުދައްކައިގެން އެބޭފުޅުންގެ ނުރުހުމުގައި ކަމަށްވެސް އެންބީސީ ބުނެ އެވެ.
ރިޒްކާލްޓަން ހޮޓަލުގައި ހައްޔަރުކުރި މީހުންގެ މައްސަލަ އަލުން ސަމާލުކަމަށް އައިސްފައި ވަނީ އިސްތަންބޫލްގައި ހުންނަ ސައޫދީ ކޮންސިއުލޭޓް ތެރޭގައި ސައޫދީ އިދިކޮޅު ނޫސްވެރިޔާ ޖަމާލް އަލްޚާޝުގްޖީ ވަރަށް އަނިޔާވެރި ގޮތަކަށް މަރާލުމާ ގުޅިގެންނެވެ.
ޚާޝުގްޖީ މަރާލައި އޭނާގެ ހަށިގަނޑު ބުރިކޮށް ހަށިގަނޑުގެ މަސްތައް ވިރުވާލީ އެސިޑަށް ލައިގެން ކަމަށާ އެޖަރީމާ ހިންގީ ސައޫދީ ސަރުކާރުން އަންގައިގެން ސައޫދީ ސަރުކާރުން ފޮނުވި ޓީމަކުން ކަމަށް ތުރުކީންވަނީ ބުނެފަ އެވެ. ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަނީ އެޖަރީމާ ހިންގުމަށް އަމުރުކުރީ ސައޫދީ ސަރުކާރުގެ އެންމެ އިސްފަރާތްތަކުން ކަމަށާ ނަމަވެސް ސަލްމާން ރަސްގެފާނުގެ ބައިވެރިވުން އެޖަރީމާގައި ނެތްކަމަށް ވިދާޅުވެފައެވެ. (އެމެރިކާގެ ނޫސްތައް)