އަދާލަތު ޕާޓީގެ ލީޑަރު ޝައިހް އިމްރާން އަބްދުﷲ، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އާ ބައްދަލު ކުރައްވައިފި އެވެ.

މިއަދު އެ ދެބޭފުޅުންގެ ބައްދަލު ކުރެއްވުމަކީ ޝައިހް އިމްރާނުގެ މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމަށް ސުޕްރީމް ކޯޓުން ވަގުތީ އަމުރުނު ނެރުމަށް ފަހު އެ ދެބޭފުޅުން ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ.

ނަމަވެސް، މީގެ ކުރިން ވެސް އެ ދެބޭފުޅުން ވަނީ ބައްދަލު ކުރައްވައިފަ އެވެ. އެގޮތުން އިމްރާން ގޭބަންދުގައި ހުންނަވަނިކޮށް އިބޫ ވަނީ އިމްރާންގެ ގެޔަށް ވަޑައިގެން އެމަނިކުފާނާ ބައްދަލު ކުރައްވައިފަ އެވެ.

އިމްރާންގެ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމަށް ސުޕްރީމް ކޯޓުން ވަގުތީ އަމުރު ނެރުމާ އެކު އިމްރާން ވަނީ، އިދިކޮޅު ސިޔާސީ ހަރަކާތްތަކުގައި ވެސް ބައިވެރިވެވަޑައިގަންނަވަން ފައްޓަވާފަ އެވެ. އެގޮތުން ނޮވެމްބަރު އެއް ވަނަ ދުވަހު ކުރީގެ ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާދ ދަންނަވަން ވެސް އިމްރާން ވަޑައިގެންނެވި އެވެ.

ޝައިހް އިމްރާނަށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވީ، 2015 ވަނަ އަހަރުގެ މެއި މަހުގެ އެއް ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި، އަނިޔާވެރިކަމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަތަކެއް ދެއްކެވި ކަމަށް ބުނެ ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތު ވުމުންނެވެ.