03 Nov 2018, 18:20
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރާ ތަހުގީގަކަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ކުރީގެ ގަވަރުނަރު އަޒީމާ އާދަމް އޭސީސީއަށް ހާޒިރުވާން އަންގައިފި އެވެ.
އެނގިފައިވާ ގޮތުގައި އަޒީމާ އޭސީސީއަށް ހާޒިރު ކުރަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގައި އެމްއެމްއޭގެ ދައުރާ ގުޅޭ ގޮތުން އޭސީސީއިން ހިންގާ ތަހުގީގަކާ ގުޅިގެންނެވެ.
މިހާރު އެމެރިކާގައި ދިރިއުޅުއްވާ އަޒީމާ "ސަން" އަށް ވިދާޅުވީ އޭނާ އޭސީސީއަށް ހާޒިރުވާން އެ ކޮމިޝަނުން އަންގާފައިވާ ކަމަށެވެ. އަދި މި މަހުގެ ތެރޭގައި ރާއްޖެ ވަޑައިގެން އޭސީސީއަށް ހާޒިރުވެވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަޒީމާ އިތުރަށް ވިދާޅުވީ އޭނާގެ ނަން ދިފާއު ކުރުމަށްޓަކައި ދައްކަން ޖެހޭ ވާހަކަތައް ދައްކަވާނެ ކަމަށެވެ.
އޭސީސީގެ ނައިބު ރައީސް މުވައްވިޒު ރަޝީދު "ސަން" އަށް ވިދާޅުވީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް އެ މައްސަލަ ފޮނުވުމުގެ ކުރިން އޮންނަ ޑިއުޓީ ޕްރޮސެކިއުޝަންގެ މަރުހަލާގައި ބައެއް މީހުންގެ ބަޔާންތައް ނަގަން ޖެހޭތީ އެ މީހުންނާ އެ ކޮމިޝަނުން ސުވާލުކޮށް، ބަޔާން ނަގަމުންދާ ކަމަށެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ދައުލަތަށް 1.22 ބިލިއަން ރުފިޔާ ގެއްލުނު އިރު އަޒީމާ މީގެ ކުރިން ވަނީ އެ ހިޔާނާތުގައި އޭނާގެ ދައުރެއް ނޯންނާނެ ކަމަށް ވިދާޅުވެ އަމިއްލަ ނަފްސު ދިފާއު ކުރައްވާފަ އެވެ.