25 Sep 2011, 19:29
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް މ. ނިޔަދުރު އަހުމަދު ނާޒިމުގެ މައްޗަށް ދައުލަތުން ދައުވާކުރައްވާ މަކަރާއި ހީލަތް ހެދުމުގެ ދަޢުވާގެ ޝާރީޢަތުގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި މިއަދު ބާވާއިފި އެވެ.
ކްރިމިނަލް ކޯޓުން ބުނީ މިއަދު ބޭވި ޝަރީޢަތުގެ އަޑުއެހުމުގައި އޮތީ ދެ ފަރާތުން ވެސް ހުށައަޅާފައިހުރި ކިތާބީހެކިތަކާ ބޭހޭގޮތުން ވާހަކަ ދެއްކުން ކަމަށެވެ.
ނާޒިމްގެ މައްސަލައިގެ އަޑު އަހުމެއް މިއަދު ބޭއްވެވި އިރު ކުރިން އޮތީ މިމަހުގެ 29 ވަނަ ދުވަހު ޝަރީއަތް ބާއްވަން ނާޒިމަށް ޗިޓް ފޮނުވާފަ އެވެ.
ދައުލަތުން ނާޒިމްގެ މައްޗަށް އުފުލަނީ ކުރީގެ އެޓޯލްސް މިނިސްޓްރީން 15،000 ދިވެހި ގައުމީ ދިދަ ގަތުމަށް ޖޫން 18، 2005 ގައި އިއުލާން ކުރުމުން ނާޒިމްގެ ހިއްސާ އޮންނަ ނަމީރާ އިންޖިނިއަރިން އެންޑް ޓްރޭޑިންގެ މެނޭޖިން ޑިރެކްޓަރަކަށް އޭނާ ހުންނަވައި، އެ ކުންފުނީގެ ތަކެއްޗާ މުދާ ބޭނުންކޮށްގެން ޓެކް މީޑިޔާ ސާވިސާސްގެ ނަމުގައި އެ ކުންފުންޏަށް ނޭނގި މަކަރާއި ހީލަތުން ބިޑް ހުށަހަޅާފައިވާ ކަމަށްބުނެ އެވެ.
މި ދައުވާގެ އިތުރުން ދިދަތަކުގެ މައްސަލައިގައި އެހެން ދައުވާއެއް ވެސް ޕީޖީ އޮފީހުން ނާޒިމްގެ މައްޗަށް ކުރެ އެވެ. އެ ދައުވާގައި ބުނަނީ އެޓޯލްސް މިނިސްޓްރީގެ ފަރާތުން 15،000 ދިދަ ގަންނަންވެގެން ޑިސެމްބަރު 31، 2003 ގައި އިއުލާނެއް ކުރި ކަމަށެވެ. އަދި ނާޒިމްގެ ހިއްސާ އޮންނަ ނަމީރާ އިންޖިނިއަރިން އެންޑް ޓްރޭޑިންގެ މެނޭޖިން ޑިރެކްޓަރަކަށް އޭނާ ހުރެ އެ ކުންފުނީގެ ތަކެއްޗާއި މުވައްޒަފުން ބޭނުން ކުރައްވައިގެން، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިނުވާ "ކުންފުނިތަކެއް"ގެ ނަމުގައި ލެޓާ ހެޑް ހަދައި އެ ތަންތަނުގެ ނަމުގައި އެސްޓިމޭޓް ހުށަހަޅުއްވައި އެ ޕްރޮޖެކްޓް ކާމިޔާބުކޮށްފައިވާ ކަމަށް ވެސް ދައުވާގައި ބުނެ އެވެ.