03 Nov 2018, 17:42
ކޮލަމްބޯ (ނޮވެމްބަރު 3): ސްރީ ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާ ގުޅުން ހުރި ފަރާތްތަކުން ދަނީ އެގައުމުގެ މަޖިލިސް މެމްބަރުންނަށް ފައިސާ ދީގެން ތާއިދު ހޯދުމަށް މަސައްކަތް ކުރަމުން ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކޮށްފި އެވެ.
ލަންކާގެ މަޖިލިސް މެމްބަރެއް ކަމަށްވާ ޕަލިތާ ބަންޑާރާ ވިދާޅުވި ގޮތުގައި ޕާޓީ ބަދަލު ކުރުމަށް އެދި އޭނާއަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ގުޅާފަ އެވެ. އަދި އެތައް މިލިއަން ޑޮލަރާއި މިނިސްޓަރުކަންވެސް ހުށަހަޅާފަ އެވެ.
ބަންޑާރާއަކީ ބޮޑުވަޒީރު ކަމުން ދުރުކޮށްފައިވާ ރަނިލް ވިކްރަމަސިންހަގެ ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ)އަށް ނިސްބަތްވާ މެމްބަރެކެވެ.
"ވަރަށް ގިނަ ފޯނު ކޯލުތައް އައި. އެމީހުން 500 މިލިއަން ސްރީ ލަންކަން ރުޕީސް ހުށަހެޅި އަދި އަޅުގަނޑު އެހިން އެއީ ޑޮލަރުން ކިހާ ވަރެއްހޭ. އެމީހުން ބުނި އެއީ 2.8 މިލިއަން ޑޮލަރު ކަމަށް. އަޅުގަނޑުގެ އަތުގައި ހެކި އެބަހުރި،" ރިޕޯޓަރުންނާ ވާހަކަ ދައްކަވަމުން ބަންޑާރާ ވިދާޅުވި އެވެ.
އޭނާ ވަނީ އެމައްސަލަ ލަންކާގެ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާނެ ކަމަށް ވިދާޅުވެފަ އެވެ.
މީގެ ކުރިން ޔޫއެންޕީގެ މެމްބަރަކު ވަނީ، މެމްބަރުން ގަތުމަށް ރާޖަޕަކްސަ ކުރައްވާ މަސައްކަތަށް ޗައިނާއިން އެހީތެރިވަމުންދާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. ނަމަވެސް ޗައިނާއިން ވަނީ އެތުހުމަތުތައް ދޮގުކޮށްފަ އެވެ.
އަދި ރާޖަޕަކްސަގެ ދަރިކަލުން ނަމާލް ރާޖަޕަކްސަ ވަނީ މެމްބަރުންނަށް ރިޝްވަތު ދޭން އުޅޭ ކަމުގެ މައްސަލައެއް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.
ޔޫއެންޕީއަށް ނިސްބަތްވާ ހަ މެމްބަރަކު މިހާތަނަށް ވަނީ ރައީސް މައިތިރިޕާލާ ސިރިސޭނާ އިސްކޮށް ހުންނަވާ ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލަޔަންސް (ޔޫޕީއެފްއޭ)އާ ގުޅިވަޑައިގެންފަ އެވެ. އަދި އެމެމްބަރަށް ވަނީ ކެބިނެޓުންވެސް މަގާމެއް ދީފަ އެވެ.
ރައީސް ސިރިސޭނާ ވަނީ މިދިޔަ ހުކުރު ދުވަހު ވިކްރަމަސިންހަ މަގާމުން ދުރު ކުރެއްވުމަށް ފަހު އެގައުމުގެ ގާނޫނު ހަދާ މަޖިލިސް މިމަހުގެ 16އާ ހަމައަށް ސަސްޕެންޑު ކުރައްވާފަ އެވެ.
އަދި އަންނަ ހޯމަ ދުވަހު ސަސްޕެންޝަން އުވާލެއްވުމަށް އެއް ފަހަރު ނިންމެވުމަށް ފަހު، އަނެއްކާވެސް ހިޔާލު ބަދަލު ކުރައްވާފަ އެވެ. ސިރިސޭނާ ވިދާޅުވި ގޮތުގައި މަޖިލިސް ސަސްޕެންޑު ކުރީ މަޖިލީހުގެ އަގުލަބިއްޔަތު ހޯދުމަށް ރާޖަޕަކްސައަށް ވަގުތު ދެއްވުމަށެވެ.