އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ރައިސުލްޖުމްހޫރިއްޔާގެ ހުވާ ކުރާ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިބޫގެ ސްޕޯކްސް ޕާސަން މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މީޑިއާތަކާ ބައްދަލު ކުރައްވައި މާރިޔާ ވިދާޅުވީ އިބޫ ހުވާކުރުމަށް ހަމަޖެހިފައިވާ ތާރީހް ފައިނަލްވެފައި ވަނީ މިދިޔަ ހަފްތާގައި ކަމަށާއި އެހެންކަމުން ހުވާކުރާ ދުވަހުގެ އިންތިޒާމްތައް ހަމަޖެހެން އަދި ވަގުތު ބޭނުންވާނެ ކަމަށެވެ.

"އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަޑައިގެންނެވުމުގެ ކަންތައްތައް ހަމަޖެއްސުމަށް ޑިޕްލޮމެޓިކް ޗެނަލްތަކުން އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން،" މާރިޔާ ވިދާޅުވިއެވެ.

މޯދީގެ އިތުރުން ވެސް އެހެނިހެން ގައުމުތަކުގެ އިސްވެރިންނަށް ދައުވަތު ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަން މާރިޔާ ފާހަގަ ކުރެއްވި އެވެ.

އިބޫ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް މޯދީ ވަޑައިނުގެންފާނެ ކަމަށް ބުނެ އިންޑިއާގެ މީޑިއާ އިން ވަނީ މީގެ ކުރިން ހަބަރު ފަތުރާފަ އެވެ.

އަދި ރާއްޖެއަށް މޯދީ ވަޑައިގަންނަވާނެކަން އިންޑިއާ އިން ނިންމާނީ ހުވާ ކުރުމުގެ ރަސްމިއްޔާތަށް ދައުވަތު އަރުވާ ލީޑަރުންގެ ލިސްޓު އެނގުމުން ކަމަށް ވެސް ބައެއް މީޑިއާތަކުން ރިޕޯޓް ކުރިއެވެ. އެގޮތުން ބޭރު ގައުމުތަކުގެ ލީޑަރުން އެލިސްޓުގައި ގިނަ ނަމަ، އިބޫ ހުވާ ކުރުމުގެ ރަސްމިއްޔާތަށް މޯދީ ވަޑައިނުގެންނެވުމަކީ އެކަށީގެންވާ ކަމެއްކަމަށް ބުނެ ވަނީ ހަބަރު ފަތުރާފަ އެވެ.

ރާއްޖެއަކީ ފާއިތުވި ހަތަރު އަހަރާއި ބައިގެ ތެރޭގައި މޯދީ ވަޑައިނުގަންނަވާ ސައުތު އޭޝިއާގެ ހަމައެކަނި ގައުމެވެ. އެހެންކަމުން އިންޑިއާއިން ބޭނުން ވަނީ މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅަކީ ހަމައެކަނި ދެގައުމު ބައިވެރިވާ ދަތުރުފުޅަކަށް ވުން ކަމަށް އެގައުމުގެ ދުވަހު ނޫހެއް ކަމަށްވާ "ދި ވަޔާ" ގައި ވެއެވެ.