ސަންއާ (ނޮވެމްބަރު 3): ޔަމަނުގެ ހަނގުރާމައިގެ ސަބަބުން އެގައުމުގެ ކުޑަކުދިންނަށް ކުރަމުންދާ އަސަރަށް ދާދި ފަހުން ދުނިޔޭގެ ސަމާލުކަން ގެނެސްދިން ފޮޓޯއިން ފެނިގެންދާ ހަތް އަހަރުގެ އަމާލް ހުސެއިން މަރުވެއްޖެ އެވެ.

އަމާލްއަކީ ޔަމަނުގެ އަސްލަމްގައި ހުންނަ ހެލްތް ސެންޓަރަކުން ފަރުވާ ހޯދަމުން ދިޔަ ކުއްޖެކެވެ. އެއުމުރުގެ ކުއްޖަކަށް ބޭނުންވާ ވަރަށް ކާނާ ނުލިބޭތީ އަމާލްގެ ހަށިގަނޑު ވަނީ ހަމައެކަނި 'ހަމާއި ކަށްޓަށް' ބަދަލުވެފަ އެވެ.

އަމާލްގެ ކަށިފުރޭނިފައިވާ ހަށިގަނޑު ފެންނަ ފޮޓޯއެއް ނިއު ޔޯކް ޓައިމްސް އިން މިދިޔަ ހަފްތާގައި ހިއްސާ ކުރުމާއެކު ދުނިޔޭގެ ގިނަ އަދަދެއްގެ މީހުން ހަމްދަރުދީ ފާޅު ކުރި އެވެ. އަދި އެއާއިލާއަށް ފައިސާގެ އެހީ ފޯރުކޮށްދެވޭނެ ގޮތެއް އޮތްތޯ ވެސް ބައެއް މީހުން އެހި ކަމަށް ނިއު ޔޯކް ޓައިމްސް އިން ބުންޏެވެ.

ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު އަމާލްގެ އާއިލާއިން ވަނީ އެކުއްޖާގެ ހާލު ދެރަވެ، މަލްނިއުޓްރިޝަންގެ ސަބަބުން މަރުވެފައިވާ ކަމަށް ބުނެފަ އެވެ.

"އަހަރެންގެ ހިތް ހަލާކުވެއްޖެ. އަމާލް އަބަދު ވެސް ހުންނާނީ ހިނިތުންވެފައި،" އަމާލްގެ މަންމަ މަރިއަމް އަލީ ބުންޏެވެ.

އަމާލްގެ ފޮޓޯ ނެގި ޓައިލާ ހިކްސް ވަނީ އައިވީ ގުޅާފައި އޮތް އެކުއްޖާގެ ފޮޓޯ ނެގުން ވެގެން ދިޔައީ ވަރަށް ހިތްދަތި އަދި އުނދަގޫ ކަމަކަށް ކަމަށް ބުނެފަ އެވެ. ނަމަވެސް އެއީ ވަރަށް މުހިއްމު ފޮޓޯއެއް ކަމަށް ގަބޫލު ކުރާ ކަމަށްވެސް ބުނެފަ އެވެ.

"ޔަމަނުގައި މަލްނިއުޓްރިޝަން އާއި ބަނޑުހައި ހޫނުކަން އޮތް މިންވަރާއި އެއީ ކިހާ ހިތާމަވެރި ކަމެއް ކަން (އަމާލްގެ ފޮޓޯއިން) ހާމަވޭ،" ހިކްސް ބުންޏެވެ.

ނިއު ޔޯކް ޓައިމްސްގައިވާ ގޮތުން އަމާލްގެ ހާލު ދެރަވި ނަމަވެސް ޔުނިސެފުން ހިންގާ އެސެންޓަރުން އެކުއްޖާ ގެޔަށް ދޫކޮށްލީ އެވެ. އަދި އަމާލްއަށް ފަރުވާ ދިން ޑޮކްޓަރު މެކިއާ މަހުދާ ވަނީ "އަމާލް ފަދަ ވަރަށް ގިނަ ކުދިން" ތިބި ކަމަށް ވިދާޅުވެފަ އެވެ.

ޑރ. މަހުދީ ވިދާޅުވި ގޮތުގައި އޭނާ ވަނީ އަމާލް ގޮވައިގެން ހޮސްޕިޓަލަކަށް ދިޔުމަށް އެއާއިލާއަށް ލަފާ ދީފަ އެވެ. ނަމަވެސް އަމާލްގެ މަންމަ ވަނީ އާއިލާގެ އަތުގައި ފައިސާއެއް ނެތުމުގެ ސަބަބުން ޖެހުނީ ރެފިއުޖީ ކޭމްޕަކަށް ދާން ކަމަށް ބުނެފަ އެވެ. ނަމަވެސް އޭގެ ތިން ދުވަސް ފަހުން އަމާލްގެ ހާލު ދެރަވެ، އެކުއްޖާ ދުނިޔެ ދޫކުރީ އެވެ.

ޔަމަނުގެ ހަނގުރާމަ ފެށިފައި ވަނީ 2014 ވަނަ އަހަރު ހޫޘީ ހަނގުރާމަވެރިން އެ ގައުމުގެ ވެރިރަށް ސަންއާ ހިފުމަށް ފަހު އެމީހުންގެ ވެރިކަމެއް ގާއިމު ކުރުމުންނެވެ. އޭގެ ޖެހިގެން އައި އަހަރު ސައުދީ އަރަބިއާ އިސްވެ އޮންނަ ކޯލިޝަނަކުން ވަނީ ރައީސް އަބްދުރައްބު މަންސޫރު ހާދީގެ ވެރިކަން ރުޖޫއަ ކުރުމަށްޓަކައި އެހަނގުރާމައިގައި ބައިވެރިވެފަ އެވެ.

އެހަނގުރާމައިގެ ގެއްލުން އެންމެ ބޮޑަށް ލިބެމުން ދަނީ ޔަމަނުގެ އާއްމު ރައްޔިތުންނަށެވެ. އދ.އިން ލަފާ ކުރާ ގޮތުގައި 2015ގެ ފަހުން ޔަމަނުގެ 10،000 އަށް ވުރެ ގިނަ މީހުން ވަނީ ހަނގުރާމައިގައި މަރުވެފަ އެވެ. އަދި އެގައުމުގެ 17 މިލިއަން މީހުން ބަނޑަށް ޖެހިފައިވާ އިރު އޭގެ ތެރޭގައި ދެ މިލިއަން ކުޑަކުދިން ހިމެނެ އެވެ.