އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރައްވާނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.

މިއަދު ނަސްރުގެ ދުވަހުގެ މުނާސަބަތުގައި އިބޫ އަށާއި ރާއްޖޭގެ ރައްޔިތުނަށް ތަހުނިޔާ ދަންނަވާ ރައީސް މައުމޫން ނެރުއްވި ބަޔާންގައި ވިދާޅުވީ އިންތިހާބީ ރައީސް އިބޫ އަލަށް އުފެދޭ ސަރުކާރުގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ހަރުދަނާ ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

އަދި އެ މަސައްކަތުގައި އެމަނިކުފާނަށް އެއްބާރުލުމާއި ތާއިދު ލިބިވަޑައިގަންނަވާނެކަމުގެ ފުރިހަމަ ޔަގީންކަން ރައީސް މައުމޫން، އިންތިހާބީ ރައީސް އިބޫއަށް ދެއްވިއެވެ.

"އަލަށް އުފެދޭ ސަރުކާރުން [މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރެއްވުމަށް] ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާނެކަން ޔަގީންކޮށް، އެ މަސައްކަތްޕުޅުތަކަށް އަޅުގަނޑުމެންގެ އެއްބާރުލުމާއި ތާއީދު ލިބިވަޑައިގަންނަވާނެކަމުގެ ފުރިހަމަ ޔަގީންކަން އިންތިހާބީ ރައީސްއަށް އަރުވަން،" މިއަދު ނަސްރުގެ ދުވަހުގެ މުނާސަބަތުގައި އިންތިހާބީ ރައީސް އިބޫއަށާއި ރާއްޖޭގެ ރައްޔިތުނަށް ތަހުނިޔާ ދަންނަވާ ފޮނުއްވި ބަޔާންގައި ބުނެފައިވެއެވެ.

ރައީސް މައުމޫން ވިދާޅުވީ ތިނެއް ނޮވެމްބަރުގައި 1988 ދިވެހިންގެ ބަޔަކާއެކު ބޭރުގެ ސިފައިން މާލެ އަރައި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ނަގާލުމަށް ދިން އުދުވާނީ ހަމަލާއިން ދިވެހި ގައުމު ސަލާމަތް ކުރައްވައި، ނަސްރު ދެއްވިކަމަށްޓަކައި މާތްﷲއަށް ޝުކުރު އަދާކުރާ ކަމަށެވެ.

ނޮވެމްބަރު ތިނެއްގައި ގައުމުގެ ދިފާއުގައި ދިވެހި ސިފައިން ވެވަޑައިގެން މަތިވެރި ގުރުބާނީއާއި ކުރެއްވި އަގުހުރި ޖިހާދުގެ ހަނދާން އާކޮށް، އެ ހިތްވަރުގަދަ ގައުމީ ބަތަލުން ސާބިތުކަމާއެކު ކުރެއްވި މަސައްކަތްތަކަށް މައުމޫން ޝުކުރު އަދާކުރެއްވިއެވެ.