03 Nov 2018, 15:12
އިންޑިއާގެ 13 މީހަކު މަރާލީ ކަމަށް ބެލެވޭ އަންހެން މިނިކާވަގެއް ބަޑި ޖަހައި މަރާލައިފި އެވެ.
އިންޑިއާގެ މަހާރަޝްތުރާގައި، އުމުރުން ހަ އަހަރުގެ އެމިނިކާވަގު މަރާލާފައި ވަނީ އޭތި ހިފަން އުޅޭތާ ދެ އަހަރު ފަހުންނެވެ. އެސްޓޭޓުގެ ފޮރެސްޓްރީ ޑިޕާޓްމެންޓުން ބުނި ގޮތުގައި އޮފިޝަލުން ފުރަތަމަ މަސައްކަތް ކުރީ ޓީ-ވަން ނަމަކަށް ކިޔާ އެމިނިކާވަގު ހޭނައްތާށެވެ.
ނަމަވެސް ހޭނައްތާ ޑާޓެއް އެމިނިކާވަގުގެ ގަޔަށް ޖެހުމުން އޭތި ވަނީ އުންޑަ ޖެހި މީހާއާ ދިމާކޮށްފަ އެވެ. އެހެންކަމުން ޓީ-ވަންގެ ގަޔަށް ބަޑި ޖަހާ މަރާލަން ޖެހުނީ އެވެ.
އެޑިޕާޓްމެންޓުން ވަނީ ޓީ-ވަންގެ ޕޯސްޓްމޯޓަމްއެއް ހަދާނެ ކަމަށް ބުނެފަ އެވެ.
އިންޑިއާގެ ބައެއް އެކްޓިވިސްޓުން ވަނީ އެމިނިކާވަގު މެރުމާ ދެކޮޅަށް ކެމްޕެއިންކޮށްފަ އެވެ. ނަމަވެސް އެގައުމުގެ ސުޕްރީމް ކޯޓުން ވަނީ އޭތި މަރާލަން މަޖުބޫރުވެއްޖެ ނަމަ، އެކަން ކުރުމާ ދެކޮޅު ނެހެދޭނެ ކަމަށް ނިންމައިފަ އެވެ.
ޓީ-ވަން އެންމެ ފަހުން މީހަކު މަރާލި ކަމަށް ބެލެވެނީ މިދިޔަ އޮގަސްޓު މަހުގަ އެވެ. އެމަސް ތެރޭ އެމިނިކާވަގު ތިން މީހަކު މަރާފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
އޭގެ ފަހުން، ޓީ-ވަން ފެނިފައިވާ އަވަށްތަކުގައި ވަނީ އާއްމުން ރައްކާތެރިވެ ތިބުމަށް ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައިފަ އެވެ. އެގޮތުން މާލަސްވަންދެން ދަނޑުތަކާއި ޖަންގަލިތަކުގައި ނުތިބުމަށާއި ބޭރަށް ދާ ނަމަ އެކަނި ނުދިޔުމަށް ގޮވާލާފައިވެ އެވެ.
ޓީ-ވަން ހިފުމަށް މަހާރަޝްތުރާގައި ކުރިއަށް ގެންދިޔަ މަސައްކަތުގައި އެސްޓޭޓުގެ ފޮރެސްޓަރީ އޮފިޝަލުން 100 ކެމެރާ ބޭނުންކޮށް، ބަޑި ހިފައިގެން 24 ގަޑިއިރު ފާރައަށް ތިބެފައިވެ އެވެ.
މީގެ އިތުރުން، އެމިނިކާވަގު ހިފުމަށް ކެލްވިން ކްލެއިންގެ އޮބްސެޝަން ފޯ މެން ކިޔާ ސެންޓެއް ވެސް ވައިލްޑްލައިފް އޮފިޝަލުން ބޭނުން ކުރި އެވެ. ސަބަބަކީ އޭގައި ހިމެނޭ ފެރޮމޯނެއްގެ ސަބަބުން ބުޅަލުގެ އާއިލާއަށް ނިސްބަތްވާ ބައެއް ޖަނަވާރު އެސެންޓު މެދުވެރިކޮށް ގެނެވޭނެ ކަމަށް އެމެރިކާ އިން ހެދި އެކްސްޕެރިމެންޓަކުން ދައްކާފައިވާތީ އެވެ.