ޑީއާރުޕީގެ ވަސް ފޮހެލުމަކީ ޕީޕީއެމްއަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ޑީއާރްޕީން މިއަދު ބުނެފި އެވެ.

ޑީއާރްޕީން މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު ފުނަދޫ ދާއިރާގެ އަލީ ސަލީމް ވިދާޅުވީ ޑީއާރްޕީގެ ރަޖިސްޓްރީގައި މިހާރުވެސް 38000 މެންބަރުން އެބަތިބި ކަމަށާއި އެޕާޓީގެ ވަސް ފޮހެލުމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ކުރާ މަސައްކަތް ކާމިޔާބު ނުވާނެކަމަށެވެ.

ސަލީމް ވިދާޅުވީ މިހާތަނަށް އެ ޕާޓީން ވަކިވުމަށް އެދި ހުށަހަޅާފައިވަނީ 300 މީހުން ކަމަށެވެ. ޕީޕީއެމް ވުޖޫދައް އަންނާތީ އެ ޕާޓީން އެއްގޮތަކަށް ވެސް ކަންބޮޑު ނުވާއިރު ޑީއާރްޕީއަށް ވަނުމަށް މެންބަރުން ސޮއިކުރަމުން އަންނަކަމަށެވެ.

"މި ޕާޓީގަ މިހާރުވެސް 38000 މެންބަރުން އެބަތިބި. މިހާތަނަށް ޕާޓީން ވަކިވުމަށް ހުށަހަޅާފަވަނީ އެންމެ 300 ފޯމް. އަދި މިހާރުވެސް މެންބަރުން މި ޕާޓީއަށް ސޮއިކުރަމުންދަނީ. ދެން ކިހިނެތްތޯ މި ޕާޓީގެ ވަސް ފޮހެލެވޭނީ،" ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ޑީއާރްޕީގެ އަމާޒަކީ މިހާރުގެ ސަރުކާރު ބަލިކޮށް 2013 ގެ އިންތިޚާބު ކާމިޔާބުކުރުން ކަމަށާއި، ޕާޓީގެ މެންބަރުންގެ ރޫހު އޮތީ ވެސް އެގޮތުގައި ކަމަށެވެ.