އަންކާރާ (ނޮވެމްބަރު 3): ނޫސްވެރިޔާ ޖަމާލް ހާޝުގްޖީ މަރާލަން އަމުރު ކުރީ ސައުދީ އަރަބިއާގެ ސަރުކާރުން ކަމަށް ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.

ވޮޝިންޓަން ޕޯސްޓަށް ލިޔުއްވި ކޮލަމެއްގައި އުރުދުޣާން ވިދާޅުވީ، ހާޝުގްޖީ މަރާލަން އަމުރު ކުރީ ސައުދީ ސަރުކާރުގެ އެންމެ އިސް ފަރާތްތަކުން ކަމަށެވެ. ނަމަވެސް އެކަމުގައި ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު ބައިވެރިވި ކަމަށް ނުބެލެވެ އެވެ.

އަދި ހާޝުގްޖީގެ މަރާ ގުޅިގެން ސައުދީން ހައްޔަރު ކުރި 18 މީހުންގެ ތެރޭގައި، އޭނާ މަރާލި މީހުން ހިމެނޭކަން ޔަގީންވާ ކަމަށް ވެސް އުރުދުޣާން ވިދާޅުވި އެވެ.

"ސައުދީން ހައްޔަރު ކުރި 18 މީހުންގެ ތެރޭގައި، (ނޫސްވެރިޔާ) މަރާލުމުގައި ބައިވެރިވި މީހުން ހިމެނޭކަން އަޅުގަނޑުމެންނަށް އެނގޭ. އެމީހުން (ތުރުކީއަށް) ދިޔައީ ބަޔެއްގެ އޯޑަރަށް: އެއީ ހާޝުގްޖީ މަރާލުމަށް ފަހު އެނބުރި ދާން. ހާޝުގްޖީ މަރާލަން އަމުރު ކުރީ ސައުދީ ސަރުކާރުގެ އެންމެ އުހުންކަން ވެސް އަޅުގަނޑުމެންނަށް އެނގޭ،" އެލިޔުމުގައިވެ އެވެ.

މީގެ އިތުރުން، ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓުގެ ވެރިޔާއާ ދެކޮޅަށް ސައުދީން އަދި އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަން އުރުދުޣާން ފާހަގަ ކުރެއްވި އެވެ. އަދި ތުރުކީއަށް ވަޑައިގެންނެވި ސައުދީ ޕްރޮސެކިއުޓަރު ތަހުގީގަށް އެއްބާރުލުން ނުދެއްވާ ކަމަށް ވެސް އުރުދުޣާން ވިދާޅުވި އެވެ.

އެމައްސަލަ ތަހުގީގު ކުރަމުންދާ ތުރުކީގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި މިދިޔަ މަހުގެ ދެވަނަ ދުވަހު ހާޝުގްޖީ ކޮންސިއުލޭޓަށް ދިޔުމާއެކު އޭނާގެ ކަރުގައި ހިފައިގެން ވަނީ މަރާލައިފަ އެވެ. އަދި ރައީސް އުރުދުޣާންގެ މުޝީރަކު ވަނީ ހާޝުގްޖީގެ ހަށިގަނޑު އެސިޑަށް އަޅައިގެން ނައްތާލާފައިވާ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.

ސައުދީ އަރަބިއާއިން ފުރަތަމަ ވަނީ ހާޝުގްޖީ ކޮންސިއުލޭޓު ތެރޭ މަރާލި ކަމަށް ބުނާ ވާހަކަތައް މުޅިން ދޮގުކޮށްފަ އެވެ. ނަމަވެސް ފަހުން އެގައުމުން ވަނީ ނޫސްވެރިޔާގެ މަރާ ބެހޭ ގޮތުން ދެ ގޮތަކަށް ވާހަކަ ދައްކާފަ އެވެ.

އަދި ފަހުން އެގައުމުން ވަނީ ހާޝުގްޖީގެ މަރާ ގުޅިގެން 18 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެމީހުންގެ ޝަރީއަތް ކުރިއަށް ގެންދާނީ ސައުދީގައި ކަމަށް ބުނެފަ އެވެ.