ޒަމާނުއްސުރެ ދިވެހިން މަސްވެރިކަން ކުރާގޮތް މުޅި ދުނިޔެއަށް ދައްކައިލުމަށް ގެމަނަފުށީ މަސްވެރިން ކުރަނީ އަގުވަޒަންކުރުން ހައްގު މަސައްކަތެކެވެ. މަސްވެރިކަމަކީ ނުކިޔަވާ މީހުން ކުރާ މަސައްކަތެއް ކަމަށް ބަޔަކު ދެކޭ ދެކުން ބަދަލުކޮށްލީވެސް މި މަސްވެރިންނެވެ. މަތީ ފާސްތައް ނަގައިގެން ކުޑަ މުސާރައަށް މަސައްކަތް ކުރަންޖެހޭކަމަށް ބުނެ ކުރާ ޝަކުވާތަކަށް ހައްލު ގެނެސްދިނީވެސް ގެމަނަފުށީ މަސްވެރިންނެވެ.

ފޭސްބުކް އާއި ޓްވިޓާގައި ދޮށީގެެ މަސްވެރިކަން ކުރާ ގޮތް ދައްކައި ދުނިޔޭގެ ސަމާލުކަން ގެމަނަފުށީ މަސްވެރިން ވަނީ ހޯދައިފައެވެ. އެކަން ތަޖުރިބާކުރަން ދުނިޔޭގެ އެކިކަންކޮޅުތަކުން ވަނީ އެމީހުންނަށް ގުޅައިފައެވެ. ބައެއް ފަރާތްތަކަސް މިހަރު ވަނީ އެ ފުރުސަތު ދީފައެވެ. މި މަސައްކަތް ކުރާގޮތް ބަލާ ތަޖުރިބާކޮށްލަން ބޭނުންވާ ދިވެހިންވެސް މިހާރު އެބަތިއްބެވެ.

ގެމަނަފުށީ މަސްވެރިން ޖަމްއިއްޔާގެ ފަރާތުން "ސަން" އާ ވާހަކަ ދައްކަމުން އަހުމަދު ޝާފިއު ބުނީ ދިވެހިން މަސްވެރިކަން ކުރާގޮތާއި މަހަށްގޮސް އުޅޭ އުޅުން ތަޖުރިބާކުރަން ބޭނުންވާ ގިނަ ބަޔަކު އެބަތިބި ކަމަށެވެ.

"އަޅުގަނޑުމެން ޓްވިޓާގައި ހަރަކާތްތެރިވާންފެށިފަހުން ވަރަށް ގިނަ ފޮލޯވަރުންއެދޭ މަސްވެރިކަން ކުރާ ގޮތް ތަޖުރިބާކޮށްލަން ފުރުސަތު ފަހިކޮށްދެން، އެ ރިކުއެސްޓް ތަކާއެކު އަޅުގަނޑުމެން ނިންމީ މިއަހަރުގެ މަސްވެރިންގެ ދުވަހާ ދިމާކޮށް 10 ފޮލޯވަރަކަށް ފުރުސަތު ދޭން،" ގެމަނަފުށީ މަަސްވެރިންގެ ޖަމްއިއްޔާގެ ފަރާތުން މިއަހަރުގެ މަސްވެރިންގެ ދުވަހު ކުރިއަށް ގެންދަން ރާވާފައިވާ މަސްދަތުރާ ގުޅޭގޮތުން ޝާފިއު ބުންޏެވެ.

"ދަތުރުގައި ބައިވެރިވާން ބޭނުން ފަރާތްތަކުން އަޅުގަނޑުމެންނަށް މެސެޖު ކުރަންވީ. 10 ބައިވެރިންނަށްވުރެ ގިނަ ނަމަ ޓްވިޓާގައި ލައިވް ކޮށް ގުރުއަތު ނެގުމެއް ކުރިއަށް ގެންގޮސްގެން 10 ބައިވެރިން ހޮވާނީ،" ޝާފިއު ބުނީ މަސް ދަތުރުގައި ބައިވެރިވުމުގެ ފުރުސަތު މިފަހަރު އޮތީ ހަމައެކަނި ފިރިހެނުންނަށް ކަމަށެވެ.

މި ދަތުރުގައި ބައިވެރިވާ މީހުން މާލެ އިން ކޫއްޑޫ އަށް އަދި ކޫއްޑޫ އިން މާލެ ދިއުމުގެ ހަރަދު ކުރަންޖެހެނީ އަމިއްލަ އަށެވެ. ކޫއްޑޫ އިން ގެމަނަފުއްޓަށް ދިއުމާއި، ކެއިން ބުއިމާއި ހުރުމުގެ ހަރަދު ކުރާނީ ގެމަނަފުށީ މަސްވެރިންގެ ފަރާތުންނެވެ.

"ރޭގަނޑު އެންދަމަން ދިއުމާ، އެންދަމާގޮތާ، މަހަށް ގޮސް އަޅުގަނޑުމެން ކުރާ ހުރިހާ ކަމެއް ތަޖުރިބާ ކުރެވޭނެ،" ޝާފިއު ބުންޏެވެ.

އޭނާ ބުނީ މިފަދަ ދަތުރުރެއް ރޭވުމުގެ ބޭނުމަކީ ރާއްޖޭގެ ދޮށީގެ މަސްވެރިކަމަށް ގިނަބަޔަކު ޝައުގުވެރިކުރުވުން ކަމަށެވެ. "ގިނަ ޒުވާނުން އެބައުޅޭ ޓްވިޓާގައި. ޒުވާނުންނަށް އަންގައިދޭން ބޭނުންވަނީ މަސްވެރިކަން ކުރާ ގޮތާ މިކަމުން ލިބޭ އާމްދަނީ،"

ގެމަނަފުށީ މަސްވެރިން މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރަން ކުރިއަށް ގެންދިޔަ ހަރަކާތް --- ފޮޓޯ/ ގެމަނަފުށީ މަސްވެރިން ފޭސްބުކް

ގެމަނަފުށީ މަސްވެރިން މިދިޔައަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރީ އެރަށުގައި ތިބި ދުވަސްވީ މަސްވެރިންނާއެކު ކުރި މަސްދަތުރަކުންނެވެ. މިއަހަރުގެ ކުރީކޮޅު ޒުވާނުންނަށް ހާއްސަކޮށްގެން މަސްވެރިކަމުގެ ތަމްރީނު ޕްރޮގްރާމެއް ހިންގިއެވެ.

"ރާއްޖޭގައި ގިނައިން އެބަ ކުރިއަށް ގެންދޭ ޖޮބްފެއާތައް. އެފަދަ ފެއާތަކުގައި މައުލޫމާތު މިދެނީ އޮފީސްތަކުގެ ވަޒީފާތަކާ ގުޅޭގޮތުން. މަސްވެރިކަމަކީވެސް ކުރަން ރަނގަޅު، އާމްދަނީވެސް ރަނގަޅު މަސައްކަތެއްކަން ޒުވާނުންނަށް އެބަޖެހޭ އަންގައިދޭން،" ޒުވާނުންގެ އާބާދީގެ 95 ޕަސެންޓު ޒުވާނުން މަސައްވެރިކަމުގައި ހަރަކާތްތެރިވާ ގެމަނަފުށީ މަސްވެރިންގެ ޖަމްއިއްޔާގެ ފަރާތުން ވާހަކަދެއްކި ޝާފިއު ބުންޏެވެ.