ދާދި ފަހުން ސްރީލަންކާގެ ބޮޑު ވަޒީރު ކަމަށް އައްޔަން ކުރެއްވި އެ ގައުމުގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ގާނޫނު ހަދާ މަޖިލީހަށް ހުށައަޅައިފި އެވެ.

މިދިޔަ މަހު 26 ވަަނަ ދުވަހު ރައީސް ސިރިސޭނާ ވަނީ ކުރިން ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި ރަނިލް ވިކްރަމަސިންހަ ދުރުކޮށް، ރާޖަޕަކްސަ އެ މަގާމަށް އައްޔަން ކޮށްފަ އެވެ.

ރާޖަޕަކްސަގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށައެޅީ ރަނިލް ގެ ޕާޓީ، ޔުނައިޓެޓް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) ގެ ފަރާތުނެވެ.

ޔުއެންޕީ ޕާލިމަންޓް މެމެބަރު އަދި މެޖޯރިޓީ ލީޑަރު، ލަކްޝްމަން ކިރިއެއްލާ، ލަންކާގެ ޑެއިލީ މިރާ އަށް ވިދާޅުވީ ކުރީގެ ބޮޑު ވަޒީރު މަގާމުން ދުރު ކުރެއްވީ ގާނޫނު އަސާސީގައި ބުނާ ހާލަތްތަކުން ކުރެ ހާލަތެއް މެދުވެރި ނުކޮށް ކަމަށާއި އަލަށް އައްޔަން ކުރެވުނު ބޮޑުވަޒީރު އަައްޔަން ކޮށްފައިވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަަމަށެވެ.

އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ އެމައްސަލައަށް ހައްލެއް ހޯދުމަށް ކަމަށް އެނާ ވިދާޅުވި އެވެ.

ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު ގައުމާ މުހާތަބުކުރައްވައި ރައީސް ސިރިސޭނާ ވިދާޅުވީ ކުރީގެ ބޮޑުވަޒީރު ރަނިލް މަގާމުން ދުރުކުރީ ގާނޫނު އަސާސީއާ އެއްގޮތައް ކަމަށެވެ.

ރައީސް ސިރިސޭނާ ވަނީ އެ ގައުމުގެ ކުރިން އޮތް ކެބިނެޓް އުވާލާ އާ ކެބިނެޓް އެކުލަވާލާފައެވެ. އެ ކެބިނެޓްގެ ފިނޭސް މިނިސްޓަރަކީ ވެސް ބޮޑު ވަޒީރު ރާޖަ ޕަކްސަ އެވެ.