ބޭސްފަރުވާ އާއި ކިޔެވުންފަދަ ބޭނުންތަކަށް އެމެރިކާ އަށް ދާން ބޭނުންވާ ފަރާތްތަކަށް "ގްރީން ކާޑަ"ށް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ރާއްޖޭގައި ކުރަމުން ގެންދާތީ އެކަމާ ދެކޮޅު ހެދުމުގެ ގޮތުން 100 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވާ ޕެޓިޝަނެއް އިސްލާމިކް މިނިސްޓްރީ އަށް މިއަދު ހުށަހަޅައިފި އެވެ.

ސަން އަށް ކޮޕީ ލިބިފައިވާ ޕެޓިޝަންގައި ބުނެފައި ވަނީ އެމެރިކާގެ ގްރީންކާޑް އޮފީހުން ކުރިއަށްގެންދާ "ޔޫއެސް ގްރީން ކާޑް ލޮޓަރީން" ނުރަނގަޅު މަގުސަދެއް އޭގެ އަނެއް ފަރާތުގައިވާ ކަމަށެވެ. އެ ޕެޓިޝަންގައި 107 މީހުންގެ ސޮއިކޮށްފައިވެ އެވެ.
ޕެޓިޝަނާ ބެހޭ ގޮތުން ސަންއަށް މައުލޫމާތު ދިން ފަރާތްތަކުން ބުނީ އިސްލާމިކް މިނިސްޓްރީއަށް ޕެޓިޝަން މިއަދު ހުށަހަޅާފައިވާނެ ކަމަށެވެ.

އެ ޕެޓިޝަނާ ގުޅިގެން އިސްލާމިކް މިނިސްޓްރީގެ ބަހެއް އަދު ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

އިސްލާމިކް މިނިސްޓްރީގެ އިސްވެރިންނަށް އެޑްރެސްކޮށްފައިވާ ޕެޓިޝަންގައި ބުނެފައި ވަނީ ރާއްޖޭގައި މިހާރު ކުރިއަށް ގެންދާ ގްރީންކާޑްގެ މައުލޫމާތު ދިނުމާއި ރަޖިސްޓްރީ ކުރުމުގެ ކަންތައް ހުއްޓުވައި ދިނުމަށެވެ. އަދި ބުނަނީ އެމެރިކާ އެމްބަސީގެ ޓީމެއް ރާއްޖެ އައިސް މަސައްކަތް ކުރަމުން ދަނީ ގްރީން ކާޑަށް އެދޭ ދިވެހިންނަށް އަންނަ މަހުގެ ހަތަރަކުން ނޮވެމްބަރު މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ހިލޭ ބައިވެރިވެވޭ ގޮތަށް ހުޅުވާލައިގެން ކަމަށާއި އެކަމުގެ ފުރަގަހުގައި ނުރަނގަޅު މަގުސަދެއްވާ ކަމަށެވެ.

ގްރީންކާޑާ ބެހޭ ގޮތުން ދިވެހިންނަށް މައުލޫމާތު ދިނުމަށް ސ. ހިތަދޫ ހައި ސްކޫލްގައި ރޭ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށް ވެސް އެ ޕެޓިޝަނުގައި ބުނެފައިވެ އެވެ. އެމެރިކާ އެމްބަސީގެ ޓީމެއް ރާއްޖެ އައިސް ރޭ ހިތަދޫ ހައި ސްކޫލްގައި ގްރީން ކާޑާ ގުޅޭ މައުލޫމާތު ދަރިވަރުންނަށް ދީފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ވެސް މިއަދު ރިޕޯޓު ކޮށްފައިވެ އެވެ. އަދި ގްރީން ކާޑާ ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް މިރޭ ދަރުބާރުގޭގައި ބާއްވާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ގްރީންކާޑާ ދެކޮޅަށް ޕެޓިޝަން ހުށަހެޅުމުގައި އިސްކޮށް އުޅޭ ބައެއް ފަރާތްތަކުން ސަންއަށް މައުލޫމާތު ދެމުން މިއަދު ބުނީ ދަރުބާރު ގޭގައި މިރޭ ބާއްވާ ބައްދަލުވުން ހުއްޓުވަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.
"އެކަން ނުހުއްޓައިފި ނަމަ މުޒާހަރާ އަކަށް ދާން ވެސް ޖެހިދާނެ،" މައުލޫމާތު ދިން ފަރާތަކުގެ ތެރޭގައި ހިމެނޭ މީހަކު ނަން ނުޖެހުމަށް އެދި ބުންޏެވެ.

ކޮންމެ އަހަރަކު ވެސް ބައިލައްކަ ކާޑަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވާ ގްރީން ކާޑު ހޯދުމަށް އިންޓަނެޓް މެދުވެރިކޮށް ރަޖިސްޓްރީ ކުރާ ނަމަ ވަކި ވަރަކަށް ޑޮލަރު ދައްކަން ޖެހެ އެވެ. އަދި ރަޖިސްޓްރީ ކޮށްފައިވާ މީހުންގެ ތެރެއިން ގްރީން ކާޑު ލިބޭނީ ލޮޓަރީ ޑްރޯގެ ތެރެއިން ރެންޑަމް ކޮށް ހޮވާލާ މީހުންނަށެވެ.