ކުރީގެ ރައީސް މުހައްމަދު ނަޝީދު އައްޑޫއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު އަންނަ ހުކުރު ދުވަހަށް ފަސް ކުރަން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމެބަރު އަލީ ނިޒާރު މިރޭ "ސަން" އަށް ވިދާޅުވީ ރައީސް ނަޝީދުގެ ދަތުފުޅު ފަސް ކުރައްވަން ނިންމެވީ، މޫސުން ތަންނުދިނުމުގެ ސަބަބުން ކަމަށެވެ. އަދި މޫސުން ގޯސްކޮށް އޮއްވައި އެ ސިޓީއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދަން އުނދަގޫ ވާނެ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

މީގެ ކުރިން، ރައީސް ނަޝީދު އައްޑުއަށް ފުރުއްވާ ވަޑައިގަތުމަށް ހަމަޖެހިފައި އޮތީ މި މަހުގެ ތިންވަނަ ދުވަހު އެވެ.

ދެ އަހަރާއި ނުވަ މަހަށް ވުރެ ގިނަ ދުވަހު ރާއްޖެއިން ބޭރުގައި ހުންނެވުމަށްފަހު ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައިގަތީ އިއްޔެ އެވެ. އިއްޔެ އެމަނިކުފާނަށް މަރުހާ ދެންނެވުމަށް ގިނަ އަދަދެއްގެ ރައްޔިތުން ވަނީ މަގުތަކަށް ނުކުމެފަ އެވެ.