ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން، އައްޑު ސިޓީގެ ދެބައިކުޅަ އެއްބަޔަކަށް ފެނުގެ އަސަރުކޮށްފައި ވާ ކަމަށް އެ ސިޓީގެ ކައުންސިލުން ބުނެފި އެވެ.

ރެއިން ފެށިގެން މިއަދު ހެނދުނާ ހަމައަށް އައްޑޫ ސިޓީއަށް މެދުނުކެނޑި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ވަނީ މަގުތަކުގައި ފެންބޮޑުވެފަ އެވެ. އަދި ގެތަކަށް ވެސް ވަނީ ފެން ވަދެ ހިފާ ގެންގުޅޭ ތަކެއްޗަށް ގެއްލުންވެފަ އެވެ.

އައްޑޫ ސިޓީ ކައުންސިލްގެ ޒިންމާދާރު ވެރިޔާ މުހައްމަދު ސައުދީ "ސަން" އަށް ވިދާޅުވީ ވިއްސާރައިގެ ސަބަބުން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ގެޔަށް ފެނުގެ އަސަރު ކުރި ކަމަށާއި، ނަމަވެސް، ބޮޑެތި ގެއްލުން ލިބިފައި ވަނީ މަދު އަދަދެއްގެ ގެތަކަށް ކަމަށެވެ.

"މުޅި ސިޓީގެ ދެބައިކުޅަ އެއްބައި ގެތަކަށް ގެއްލުންވި ފެންވަދެފައި. އެކަމަަކު ބޮޑެތި ގެއްލުންވީ މީދޫއިން ދެގެޔަކަށް، ފޭދޫއިން ދެގެޔަކަށް، ހިތަދޫއިން ތިން ގެޔަކަށް،" އޭނާ ވިދާޅުވި އެވެ.

ފެން ވަނުމުގެ ސަބަބުން އައްޑޫ ސިޓީގެ ގެތަކުގެ ފަރުނީޗަރަށް ވަނީ ގެއްލުންވެފައި -- ފޮޓޯ: ފައިސަލް އިބްރާހިމް (އައްޑޫ ސިޓީ ކައުންސިލް)

އޭނާ އިތުރަށް ވިދާޅުވީ ގެތަކަށް ފެންވަނުމުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުންވީ ފަރުނީޗަރުތަކަށް ކަމަށެވެ.

"ލައިފް މިހާރު ގާތްގަނޑަކަށް ނޯމަލައިޒް ކުރެވިފައި އޮތީ. ދަންތަނަށް ދުއްވުމާ އެކަހަލަ ކަންކަމަށް އެހާ ބޮޑު ހުރަހެއް ނެތް. އެކަމަކު ބައެއް ދިމަދިމާލުގައި ވަރަށް ބޮޑަށް އަދިވެސް ފެން ހަރުލާފައި ހުރި ތަންތަން އެބަ ހުރި. އެތަންތަނުން ފެން ބޭޜުކުމުގެ މަސައްކަޔް ކުރަމުން ދަނީ،" ސައުދީ ވިދާޅުވި އެވެ.

އެމްއެންޑީއެފް އިން އައްޑޫ ސިޓީގައި ފެން ހިންދުމުގެ މަސައްކަތް ކުރަނީ--- ފޮޓޯ: އެމްއެންޑީއެފް

މިހާރު އެމްއެންޑީއެފް އިން ދަނީ އައްޑޫ ސިޓީގެ ފޭދޫ، މަރަދޫ އަދި ހިތަދޫގެ ބައެއް މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ޕަމްޕު ބޭނުންކޮށްގެންނާއި ކޯރު ކޮނެގެން ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.