ވޭތުވެ ދިޔަ ދެ ދައުރު ވިލިމާލޭގެ މަޖިލިސް މެންބަރުކަން ކުރެއްވި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕް ލީޑަރު އަހްމަދު ނިހާން ހުސެއިން މަނިކް އެ ދާއިރާއަށް ދެން ކުރިމަތި ނުލައްވާނެ ކަން ރަސްމީކޮށް އިއުލާން ކުރައްވައިފި އެވެ.

އޮންލައިން ނޫސް "އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި ނިހާން ވިދާޅުވީ، ވިލިމާލޭ ދާއިރާއަށް ދެން ކުރިމަތި ނުލައްވާނެ ކަން 2014 ވަނަ އަހަރުގެ ކެމްޕެއިން ގައި ކެމްޕެއިން ޓީމާއި ހިއްސާ ކޮށްފައިވާނެ ކަމަށާއި އެ ވައުދު ފުއްދުމުގެ ގޮތުން އެއްފަރާތްވެލީ ކަމަށެވެ.

"އަޅުގަނޑު ވާނީ ބުނެފައި 2019 ވަނަ އަހަރުގައެއް އަޅުގަނޑެއް ކުރިމައްޗެއް ނުލާނަމޭ ޒުވާން ކުއްޖަކަށް ފުރުސަތު ދިނުމަށްްޓަކައި ގޮނޑި އެ ކުދިންނަށް ދޭނަމޭ،" ނިހާން ވިދާޅުވި އެވެ.

"އަޅުގަނޑުގެ ވޯޓު ލިބޭނީ ވިލިމާލޭގެ ޒުވާނަކަށް އެއީ އަންހެން ވިޔަސް ފިރިހެން ވިޔަސް މައްސަލައެއް ނެތް އަޅުގަނޑުމެންގެ ފަޅިން ކުރިމަތިލައްވާ ބޭފުޅަކަށް،"

ވިލިމާލޭ ދާއިރާގެ މެންބަރުގެ ގޮތުގައި ދެ ދައުރު އިންތިހާބްކޮށްފައިވާ ނިހާން ވިދާޅުވީ، މާލޭގެ ގޮނޑިއެއް ތަމްސީލް ކުރާ އަތޮޅުތެރެއަށް ނިސްބަތްވާ ފުރަތަމަ މީހަކީ އޭނާ ކަމަށެވެ.

ވިލިމާލޭ ދާއިރާއަށް ކުރިމަތި ނުލި ނަމަވެސް އަންނަ އަހަރު އޮންނަ މަޖިލިސް އިންތިހާބްގައި އެހެން ދާއިރާއަކުން ވާދަކޮށް މަޖިލީހަށް ވަނުމުގެ މަސައްކަތް ކުރައްވާނެ ކަން ނިހާން ފާހަގަ ކުރެއްވި އެވެ.

"އެއީ ވޭތުވެދިޔަ ދެ ދައުރުގައި ވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ކުރައްވަން ޖެހޭ ކަންތައްތަކުގެ ސިލްސިލާއެއް އަޅުގަނޑު ވާނީ ހަމަ މަސައްކަތްތަކެއް ކޮށްދީފައި،" ނިހާން ވިދާޅުވި އެވެ.

އަންނަ ދައުރުގައި ކުރިމަތި ލައްވާނެ ދާއިރާއެއް ނިހާން ވިދާޅުވެފައެއް ނުވެ އެވެ. އަދި މިހާރު ކުރަމުންދަނީީ ރިޔާސީ އިންތިހާބަށް ފަހު ޕާޓީ އިތުރަށް ވަރުގަދަކުރުމަށް އެތެރޭގައި ކުރަން ހުރި ކަންތައްތަކެއް ކަމަށް ނިހާން ވިދާޅުވި އެވެ.