03 Nov 2018, 08:58
އިދިކޮޅު މައި ހަތަރު ލީޑަރުންނަށް ވޭތުވެދިޔަ ތިން އަހަރު ތެރޭގައި އުނދަގޫ އަދި ދަތި ވަގުތުތަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ. ކުރީގެ ރައީސުން ކަމުގައިވާ މައުމޫން އަބްދުލްގައްޔޫމާއި މުހައްމަދު ނަޝީދުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ސަރުކާރާ ދެކޮޅަށް ފެއްޓެވި މަސައްކަތުގެ ނަތީޖާއަކަށްވީ އަނބިދަރީންނާއި އާއިލާއާ ދުވަސްކޮޅަކަށް ނަމަވެސް ވަކިވާންޖެހުމެވެ. ޖަލުގައެވެ. ނުވަތަ ރާއްޖެއިން ބޭރުގައި އަމިއްލަފުޅަށް އަރުވައިލެއްވިގެންނެވެ.
އެހެން ނަމަވެސް އެކަންކަން މާޒީވެ، ހާލަތު ބަދަލުވެއްޖެއެވެ. އިދިކޮޅު ލީޑަރުންގެ ތެރެއިން ރައީސް މައުމޫނާއި ގާސިމް ކަފާލާތުގެ ދަށުން މިނިވަންވިއެވެ. ފަހުން އެބޭފުޅުންނަށް އިއްވާފައިވާ ހުކުމްތައް ބާތިލުވިއެވެ. ރާއްޖެއިން ބޭރުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރުމާއެކު އެމަނިކުފާނު ބުރާސްފަތި ދުވަހު ރާއްޖެ ވަޑައިގަތެވެ. އަދި އެންމެ ފަހުން ޝައިޚް އިމްރާނުގެ ޖަލު ހުކުމްވެސް ތަންފީޒުކުރަން ފަސްކުރުމާއެކު އިމްރާންވެސް ބަންދުން ވީއްލުނީއެވެ.
އިދިކޮޅު ހަތަރު ސިޔާސީ ލީޑަރުންވެސް ބަންދުގައި ނުވަތަ އަރުވާލެވިގެން ތިއްބެވި އިރު، އެބޭފުޅުންގެ ފަރާތުން އެބޭފުޅުންގެ އާއިލާތަކުގެ ބޭފުޅުން ރާއްޖޭގައި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވިއެވެ. ޚާއްސަކޮށް ހަތަރު ލީޑަރުންގެ އަނބިއަނބިކަނބަލުންނެވެ.
ރައީސް ނަޝީދާއި ލައިލާ
ރައީސް ނަޝީދު 2015 ވަނަ އަހަރު ހައްޔަރުކޮށް، އިޖުރާއީ ގޮތުން ސުވާލު އުފެދޭފަދަ ގޮތަކަށް ޝަރީއަތްކޮށް 13 އަހަރަށް ޖަލަށް ލުމާއެކު އެމަނިކުފާނު މިނިވަންކުރުމަށް އަނބިކަނބަލުން ލައިލާ އަލީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރެއްވިއެވެ.

ރައީސް ނަޝީދާއި އަނބިކަނބަލުން ލައިލާ ބުރާސްފަތި ދުވަހު ރާއްޖެ ވަޑައިގެން މާލޭގައި -- --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް
ރައީސް ނަޝީދުގެ ބައިނަލްއަގުވާމީ ވަކީލުން އާމާލް ކްލޫނީއާއި ޖާރެޑް ޖެންސާފަދަ ބޭފުޅުންނާއެކު ގައުމުތަކަށް ދަތުރުކުރައްވައި، އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓު ޖޯން ކެރީއާއި ޔޫކޭގެ ކުރީގެ ބޮޑުވަޒީރު ޑޭވިޑް ކެމެރަންފަދަ ލީޑަރުންނާ ބައްދަލުކުރައްވައި، ފިރިކަލުން ނަޝީދުގެ ޝަރީއަތް ހިނގައިދިޔަ ގޮތުގެ ވާހަކަތައް އެބޭފުޅުންނާ ހިއްސާކުރެއްވިއެވެ.
ބުރާސްފަތި ދުވަހު ރައީސް ނަޝީދު ރާއްޖެ ވަޑައިގަތީ އަނބިކަނބަލުން ލައިލާއާ އެކުގައެވެ. ދަތުރަށް ފެއްޓެވުމުގެ ކުރިން ރައީސް ނަޝީދު، ލައިލާ ތުރުކުރައްވައިގެން ހުންނެވި ފަށުގެ ފުލުގައި އޮތް ދޮންދޫނީގެ ފޮޓޯއެއް ޓްވީޓުކުރައްވައި، ސަޕޯޓަރުންނަށް ދޫކުރެއްވީ ޅެންބައިތެކެވެ.
Kaloa magey dhon dhoonya mulhin fileehey,
Kaloa kosheega inumah foohi vaneehey,
Kaloa ruhey haagothakah hadhaa madheynan,
Mi adu ahaa dhon dhoonya annan ulheysheypic.twitter.com/47zhSkpORV— Mohamed Nasheed (@MohamedNasheed)November 1, 2018
ތިން އަހަރެއްހާ ދުވަހު ރާއްޖެއިން ބޭރުގައި އަމިއްލައަށް އަރުވާލެވިގެން އުޅުއްވުމަށް ފަހު ފުރަތަމަ ފަހަރަށް މާލެ ވަޑައިގެން، އާޓިފިޝަލް ބީޗުގައި ރައްޔިތުންނާ މުހާތަބުކުރައްވަން ވަޑައިގަތީ ލައިލާއާއެކު ހިންގަވާފައެވެ. އަދި އެތަނުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދުގެ ޝުކުރުގެ ލިސްޓުން އެންމެ އިސް ނަމަކަށްވެސް ވިދާޅުވީ ލައިލާގެ ނަންފުޅެވެ.
ރައީސް މައުމޫނާއި ނަސްރީނާ
2016 ވަނަ އަހަރު ޕީޕީއެމްގެ ތެރޭގައި އެޕާޓީގެ އޭރުގެ ރައީސް މައުމޫނާއި، އެއްބަފާ ކޮއްކޯފުޅު އަދި ޕާޓީގެ މުސްތަޝާރު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ދެމެދުގައި ހިޔާލު ތަފާތުވުންތަކެއް އުފެދުނެވެ. އެއަށްފަހު ރައީސް މައުމޫން އިދިކޮޅު ފަރާތްތަކާ ގުޅިގެން މަސައްކަތް ފެއްޓެވިއެވެ.
ޕީޕީއެމްގެ ފަސް ވަނަ އަހަރީ ދުވަސް ފާހަގަ ކުރަން ޝީ ބިލްޑިންގްގައި ބޭއްވި ހަފްލާގައި ރައީސް މައުމޫން އަބްދުލްގައްޔޫމާއި އަނބިކަނބަލުން ނަސްރީނާ - ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ފެބްރުއަރީ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގެ މައްސަލައިގައި ރައީސް މައުމޫން ހައްޔަރުކޮށް، ތަހުގީގަށް ފޯނު ނުދެއްވުމުގެ ސަބަބުން އެމަނިކުފާނު ޖަލަށް ލިއެވެ. އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށެވެ.
ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު މައުމޫން ކަފާލާތުގެ ދަށުން މިނިވަންކުރި އިރު، މިދިޔަ މަހު ހައިކޯޓުން ވަނީ މައުމޫނުގެ މައްޗަށް ކުރި ހުކުމް ބާތިލުވެސް ކޮށްފައެވެ.
Your strength is epic. Your courage is phenomenal. Your spirit is indomitable. Your loyalty is boundless. Your love is beyond this world. Indeed, love is a many splendoured thing. My beloved wife, my dearest friend, I thank Allah for the wonderful blessing that is you!pic.twitter.com/MN2qu56vjo
— Maumoon Abdul Gayoom (@maumoonagayoom)October 6, 2018
މިނިވަންވުމަށްފަހު ރައީސް މައުމޫންގެ ހިތްޕުޅުގައި ނަސްރީނާއަށް ވާ ލޯބި ބަންޑުންކޮށްލެއްވީ އަސަރުގަދަ މެސެޖަކުންނެވެ. ނަސްރީނާގެ ހިތްވަރާއި ވަފާތެރިކަމަށް ތައުރީފުކުރައްވަމުންނެވެ.
ބަންދުގައި ހުންނެވި ދުވަސްވަރު ޝަރީއަތަށް އެމަނިކުފާނު މާލެ ގެންނަ ކޮންމެ ފަހަރަކު ކޯޓު ދޮށުން އަނބިކަނބަލުން ނަސްރީނާ އިބްރާހީމް ފެންނާނެއެވެ. ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ދުވަސްވަރު ނަސްރީނާ ވަނީ މައުމޫން ނެތް ތަންކޮޅު ފޫބައްދައިދެއްވައިފައެވެ. ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން، އިދިކޮޅު އިއްތިހާދުގެ އެންމެ ފަހު ކެމްޕޭން ޖަލްސާއަށް އައްޑޫ ސިޓީއަށްވެސް ވަޑައިގެންނެވިއެވެ. އަދި އިދިކޮޅު ކެންޑިޑޭޓަށް ވޯޓު ދެއްވުމަށް އިލްތިމާސްކުރައްވައި ވީޑިއޯ މެސެޖުތައްވެސް އާންމުކުރެއްވިއެވެ.
ގާސިމާއި އައިޝާ
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް ރިޝްވަތު ހުށަހެޅިކަމުގެ ދައުވާ ސާބިތުވެ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމުގެ މައްޗަށް 2016 ވަނަ އަހަރު އިއްވިއެވެ.
ގާސިމަށް ޖަލު ހުކުމް އިއްވާފައި ވަނިކޮށް ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ވަޑައިގެން ޖަރުމަނުގައި ދިރިއުޅުއްވަމުން ގެންދެވި އިރު، ގާސިމްގެ ފަރާތުން އެންމެ ބުރަކޮށް ރާއްޖޭގައި މަސައްކަތް ކުރެއްވީ އަނބިކަނބަލުން އާއިޝަތު ނަހުލާ (މެޑަމް އައިޝާ)އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އަނބިކަނބަލުން އާއިޝަތު ނަހުލާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ދުވަސްވަރު ސިޔާސީ މައިދާނުގައި ގާސިމްގެ ފަރާތުން އެންމެ ހަރަކާތްތެރި ބޭފުޅަކަށް ފެނިގެން ދިޔައީ އަނބިކަނބަލުން އައިޝާއެވެ. އައިޝާ ވަނީ އިދިކޮޅު ކެންޑިޑޭޓާއި ރަނިންގްމޭޓަށް ތާއީދު ހޯއްދެވުމަށް 60 އެއްހާ ރަށަށް ދަތުރުކުރައްވައިފައެވެ. އަދި ގިނަ ކެމްޕޭން ޖަލްސާތަކުގައި ބައިވެރިވެވަޑައިގެން، ވާހަކަވެސް ދައްކަވައި ހެއްދެވިއެވެ.
ގާސިމްވެސް ކަފާލާތުގެ ދަށުން މިނިވަންކުރުމުން މިދިޔަ މަހު ރާއްޖެ ވަޑައިގަތެވެ. އެނބުރި ވަޑައިގެން ދެއްވި ފުރަތަމަ ޕްރެސް ކޮންފަރެންސްގައި ގާސިމް ވަނީ، އޭނާގެ އެންމެ ހަގު ހަ ބޭފުޅުންގެ މަންމަ އައިޝާ ކުރެއްވި ސިޔާސީ މަސައްކަތްތަކަށް ވަރަށް ބޮޑަށް ތައުރީފުކުރައްވައިފައެވެ.
ޝައިޚް އިމްރާނާއި ރީމް
ހަތަރު ލީޑަރުންގެ ތެރެއިން އެންމެ ފަހުން މިނިވަންވެ ވަޑައިގަތީ، ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲއެވެ. ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހު ވަގުތީ އަމުރެއް ނެރުމާއެކު، ގޭބަންދުގައި ހުންނެވި އިމްރާން އޭނާގެ އަނބިކަނބަލުން މަރިޔަމް ރީމްއާއެކު ވަޑައިގަތީ މާލެ ވަޑައިގެން އުޅުއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިސްތިގުބާލަށެވެ.
ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރުމާއެކު ޝައިޚް އިމްރާން އަނބިކަނބަލުންނާއެކު އެންމެ ފުރަތަމަވެސް ވަޑައިގަތީ ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވުމަށް --- ފޮޓޯ/ ޓްވިޓާ
އިމްރާން ޖަލަށް ލީ ދުވަހުން ފެށިގެން އަނބިކަނބަލުން ރީމް ދަނީ ސިޔާސީ ހަރަކާތްތަކުން ފެންނަމުންނެވެ. ޖަލުގައި ތިއްބެވި އެހެން ސިޔާސީ ލީޑަރުންގެ އަނބިއަނބިކަނބަލުންނާއެކު މުޒާހަރާތަކުން ރީމް ފެނެއެވެ. ސަރުކާރުން ހިންގަމުން ދިޔަ ބައެއް ކަންކަމާ ހިތްހަމަޖެހިވަޑައިނުގެން، އެކަންކަމާ ދެކޮޅަށް އަޑު އުފުއްލަވަމުން ގެންދެވިއެވެ.
Every single day of the past 42 months had been a really tough struggle for us, but you proved yourself to be one of the strongest of all women. I cannot thank & love you enough. You crossed oceans & moved mountains for me.
Surely I am forever indebted to you.❤pic.twitter.com/HRcMFjVWLI— Imran Abdulla (@ShimranAb)November 1, 2018
ޝައިޚް އިމްރާނުވެސް އަނބިކަނބަލުންނަށް އޮތް ލޯތްބާއި ތައުރީފު ފާޅުކުރެއްވީ ޓްވިޓާގައެވެ. ޖަލާއި އަދި ގޭބަންދުގައި ހުކުމް ތަންފީޒުކުރައްވަމުން ގެންދެވި ދުވަސްވަރު ރީމް ކުރެއްވި ހިތްވަރާއި ދެއްކެވި ސާބިތުކަން އިމްރާން ފާހަގަކުރެއްވިއެވެ. އަދި ރީމް ކުރެއްވި މަސައްކަތްތަކަށް ދުވަހަކުވެސް ހައްގު ޝުކުރު އަދާނުކުރެވޭނެކަމަށް އިމްރާން ވިދާޅުވިއެވެ.