ޓެރަރިޒަމްގެ ކުށް ސާބިތުވެ 12 އަހަރަށް ކުރި ހުކުމް ފަސް ކުރުމަށް އިއްޔެ ސުޕްރީމް ކޯޓުން ކުރި ހުކުމާއެކު މިނިވަންވެ ވަޑައިގަތް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ ފުރަތަމަ ބައްދަލުވުމެއްގެ ގޮތުގައި، މަރްހޫމް އަބްދުﷲ ރަޝީދުގެ އާއިލާއާ ބައްދަލުކުރައްވައިފިއެވެ.

މޭޑޭ މުޒާހަރާގައި ފުލުހަކަށް ހަމަލާދިންކަމަށް ސާބިތުވެ ޖަލަށްލާފައި ހުއްޓައި ނިޔާވި އަބްދުﷲ ރަޝީދުގެ ހުވަފަތް އަންހެނުން ޝެހެނާޒް އަބްދުއްރަހީމާއި އޭނާގާ ކުދިންނާ، އިމްރާންގެ ދެކަނބަލުން ބައްދަލުކުރެއްވީ މިއަދު ހެނދުނުއެވެ.

ޝެއިހް އިމަރާން މިއަދު މަރުހޫމް އަބްދުﷲގެ އާއިލާއާ ބައްދަލު ކުރައްވަނީ --- ފޮޓޯ: އަދާލަތު ޕާޓީ

ޝެހެނާޒްގެ އާއިލާ ދިރިއުޅޭ ގެއަށް އިމްރާންގެ ދެކަނބަލުން މިއަދު ވަޑައިގެން، ވަނީ ވަގުތުކޮޅެއް ހޭދަ ކުރައްވާފައެވެ. އަދި އެ ބައްދަލުވުމަކީ އިމްރާންގެ ޖަލުހުކުމުން ވަގުތީ ގޮތުން މިނިވަންވެ ފުރަތަމަ ބޭއްވި ބައްދަލުވުމުންކަމަށް އަދާލަތު ޕާޓީން ބުނެ އެވެ.

ޓެރަރިޒަމްގެ ކުށް ސާބިތުވެ ޝައިހް އިމްރާނުގެ މައްޗަށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު އެ ހުކުމަށް ހައިކޯޓުން ތާއީދުކުރުމުން ސުޕްރީމު ކޯޓުގައި ހުކުމް އިސްތިއުނާފްކުރުމަށް މީގެ ކުރިން ވަނީ ހުށަހަޅައިފައެވެ. ސުޕްރީމް ކޯޓުގެ އިއްޔެގެ ހުކުމާއެކު މިނިވަންވެ ވަޑައިގަތް އިމްރާން ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ރާއްޖެ ވަޑައިގަތުމުން، އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އާޓިފިޝަލް ބީޗަށްވެސް ވަޑައިގެންފައެވެ.