25 Sep 2011, 17:21
ދަނޑުވެރިކަން ކުރުމަށް ދިގު މުއްދަތަކަށް ދޫކޮށްފައިވާ ފަސް ރަށަކުން ކުލީގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ 44.8 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދަން މީރާއިން ކޯޓަށް ދާން ނިންމައިފި އެވެ.
މި ފަސް ރަށުގެ ކުއްޔާއި ޖޫރިމަނާގެ މައްސަލައިގައި ކޯޓަށް ދާން މީރާއިން ނިންމި އިރު 2008 ވަނަ އަހަރު ދޫކުރި އެ ފަސް ރަށް ވެސް ވަނީ އެގްރިމެންޓް ބާތިކޮށް އަލުން ސަރުކާރަށް ނަގާފަ އެވެ. އެގޮތަށް ނިންމީވެސް މިހާތަނަށް ކުލި ދައްކާފައިނުވާތީ އެވެ. އެގްރިމެންޓް ބާތިލު ކުރީ މިދިއަ ޖޫން މަހު އެވެ.
ކުލި ނުދައްކައިގެން ސަރުކާރަށް އަނބުރާ ނެގި ރަށްތަކަކީ ނ. ކަލައިދޫ އާއި އެއަތޮޅު ބަނޑައިދިއްދޫ އާއި ށ. އެކަސްދޫ އާއި ބ. މާމަޑުއްވަރި އަދި ގއ ފުނަދޫ އެވެ.
މީރާގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އެ ފަސް ރަށުން ޖޫރިމަނާއާ އެކު ކުއްލީގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ ފައިސާގެ އަދަދު މިދިޔަ އޮގަސްޓް މަހުގެ ނިޔަލަށް 44844660.04 މިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށެވެ. ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހެނީ 28662705.04 މިލިއަން ރުފިޔާ އެވެ. އަދި މިހަފުތާގެ ބުދަ ނޫނީ ބުރާސްފަތި ދުވަހު އެ މައްސަލަ ކޯޓަށް ވައްދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ނަމަވެސް އެ ރަށްތައް ކުއްޔަށް ދީފައިވަނީ ކޮން ފަރާތްތަކަކަށް ކަމެއް މިނިސްޓްރީން ވެސް އަދި މީރާއިން ވެސް ނުބުނެ އެވެ.
" އެފަސް ރަށުގެ ތެރެއިން ތިން ރަށެއްގެ ވެރިފަރާތުން ވަނީ ފައިސާ ދެއްކުމަށް ދެ އަހަރުގެ މުއްދަތެއް ދިނުމަށް އެދިފައި، ނަމަވެސް އޮތޯރިޓީގެ ޕޮލިސީ އޮންނަ ގޮތުން ނަމަ އެއް މިލިއަނަށްވުރެ ބޮޑު އަދަދެއް ނަމަ އެންމެ ގިނަވެގެން ދެވެން އޮންނަނީ 10 މަސް ދުވަސް،" އެ އޮފިޝަލް ވިދާޅުވި އެވެ.
ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ ޑރ. މުހައްމަދު އަލީ މިއަދު ވިދާޅުވީ ދަނޑުވެރިކަން ކުރުމަށް 2008 ވަނަ އަހަރު ސަރުކާރުން ދިގުމުއްދަތަކަށް ކުއްޔަށް ދޫކޮށްފައިވާ އެ ފަސް ރަށް އަނބުރާ ސަރުކާރަށް ނެގުމަށް ނިންމީ އަހަރަކު އެއް ފަހަރު ދައްކަން ޖެހޭ ކުލި މިހާތަނަށް ދައްކާފައިނުވާތީ ކަމަށެވެ. އަދި ދިގުމުއްތަކަށް ދޫކޮށްފައިވާ ރަށްތަކުގެ ލިސްޓުން އެރަށްތައް އުނިކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
" ރަށްތަކަށް އަހަރަކު އެއްފަހަރު ދައްކަންޖެހޭ ކުލި އެފަރާތްތަކަށް ވާނީ އެކިބައިބަޔަށް ބަހާލައިގެން ވެސް ދެއްކޭ ގޮތް ހަދާދީފަ، ނަމަވެސް މިވީހާތަނަށް އެޑްވާންސް ފޭމަންޓްގެ ފައިސާ ނޫން އިތުރު ފައިސާއެއް ދައްކާފަ އެއް ނުވޭ،" ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ.