ބ. މާމަޑުއްވަރީއިން ފުރައިގެން މާލެ ދަތުރުކުރަމުްނ ދިޔަ މުދާ އުފުލާ ބޯޓަކާއި ތެޔޮ ބައުޒަރަކާ ޖެހި އެކްސިޑެންޓެއް ހިނގައި، ދޯނި އަޑިއަށް ހިނގައްޖެއެވެ.

އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި، "ރަމްކޯ" ނަމަކަށް ކިޔާ 23 މީޓަރުގެ މުދާ އުުފލާ ދޯންޏާއި، "ހޮކް" ނަމަކަށް ކިޔާ ތެޔޮ ބޯޓާ ޖެހުނީ ސަމަރ އައިލެންޑް މޯލްޑިވްސް ރިސޯޓު ހުންނަ ކ. ޒިޔާރަތްފުށި ކައިރިންނެވެ.

އެކްސިޑެންޓު ހިނގުމާ ގުޅިގެން ދޯނީގެ ކޮޅުގެ މައްޔާ ފަޅައިގެން ގޮސް، ދޯނީގެ ބޮޑުބައެއް އަޑިއަށް ގޮސްފައިވާކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މުދާ އުފުލާ ދޯންޏަކާއި ތެޔޮ ބޯޓެއް ޖެހި ހިނގި އެކްސިޑެންޓުގައި، މުދާ އުފުލާ ދޯނި އަޑިއަށް ގޮސްފައި -- ފޮޓޯ/ އެމްއެންޑީއެފް

މި އެކްސިޑެންޓު އެމްއެންޑީއެފްގެ ކޯސްޓްގާޑު މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ރިޕޯޓުކޮށްފައިވަނީ މިއަދު ފަތިހު 4:45 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި އެކްސިޑެންޓު ހިނގި އިރު ދޯނީގައި ތިބީ ހަތަރު މީހެކެވެ. އެ ހަތަރު މީހުންވެސް ވަނީ، ދޯނީގައި ޖެހުނު ތެޔޮ ބޯޓަށް ނަގާފައެވެ. އެއިން އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި، ކޯސްޓްގާޑުގެ ޑައިވަރުންގެ ޓީމު މިހާރު ދަނީ ދޯނި ފެންމަތިކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ފުލުހުން ދަނީ މި ހާދިސާ ތަހުގީގުކުރަމުންނެވެ.