ތައިލެންޑްގެ ޗޫލަބޯން ގްރެޖުއޭޓް އިންސްޓިޓުގެ ފަރާތުން ރާއްޖޭއަށް ދިން މާސްޓާސް ކޯސްތަކަށް ކުރިމަތިލުމަށްހުޅުވާލައިފިއެވެ.

ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަން (ޑީއެޗްއީ) މިއަދު ކުރި އިއުލާންގައި ބުނީ ޗޫލަބޯން އިންސްޓްޓިއުޓުން ރާއްޖެއަށް ދީފައިވަނީ ފަސް ސްކޮލަޝިޕް ކަމަށެވެ. އެ އިންސްޓްޓިއުޓުން މާސްޓާސް ޑިގްރީއަށް ކިޔެވުމަށް ތިން ދާއިރާއަކުން ވަނީ ފުރުސަތު ހުޅުވާލައިފައެވެ.

އޭގެ ތެރޭގައި އެޕްލައިޑް ބަޔޮލޮޖިކަލް ސައިންސް: އެންވާރަމަންޓަލް ހެލްތު، އެންވާރަމެންޓަލް ޓޮކްސިއޮލޮޖީ އަދި ކެމިކަލް ބަޔޮލޮޖީ ހިމެނެއެވެ.

އެ ކޯސްތަކަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ނޮވެމްބަރ 2018 ގެ ނިޔަލަށް އުމުރުން 30 އަހަރުވެފައިނުވުމާއީ ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުން ހިމެނެއެވެ.

ޑީއެޗްއީން ބުނީ އެ ސްކޮލަޝިޕްގެ ހުރިހާ ހަރަދެއް ޗޫލަބޯން އިންސްޓިޓިއުޝަނުން ހަމަޖައްސައިދޭނެ ކަަމަށެެވެ. އޭގެ ތެރޭގައި ޓިއުޝަން ފީ، އެހެނިހެން އެކަޑެމިކް ފީ، ދެކޮޅު ޓިކެޓް، އެކޮމޮޑޭޝަން އެލަވަންސް، މަންތްލީ ސްޓައިޕެންޑް، ބުކް އެލަވަންސް، ހެލްތު އިންޝުއަރެންސްވެސް ހިމެނެއެވެ. އަދި ބުނީ އެ ސްކޮލަޝިޕްގެ ފައިނަލް ސިލެކްޝަން ހަދާނީވެސް އެ އިންސްޓިޓިއުޓުން ކަމަށެވެ.

ޑީއެޗްއީން ބުނީ އެ ކޯސްތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ފުރިހަމަކުރަން ޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުމަށްފަހު މި މަހު 12 ވަނަ ދުވަހު 13:30 ގެ ކުރިން އެ ޑިޕާޓްމަންޓަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.