02 Nov 2018, 01:38
ކުރިޔަށް މިއޮތް ދުވަސްތަކުގައި އަދާލަތު ޕާޓީގެ އެންމެ އިސް ވާޖިބަކަށް ވާނީ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ވެރިކަން ކުރިޔަށް އޮތް ފަސްއަހަރަށް ދެމެހެއްޓުމަށް މަސައްކަތްކުރުން ކަމަށް އެ ޕާޓީގެ ރައީސް ޝޭހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އަދާލަތު ޕާޓީގެ އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިމްރާން ވިދާޅުވީ މި ފެށޭ އާ ސަރުކާރު ކާމިޔާބު ސަރުކާރަކަށް ހެދުމަށްޓަކައި، ސަރުކާރުގެ ވައުދުތައް ފުއްދުމުގައި އަދާލަތު ޕާޓީއަށް ދެވޭން އޮތް ހުރިހާ އެއްބާރުލުމެއް އެ ޕާޓީ އިން ދޭނެ ކަމަށާއި ހުރިހާ ޕާޓީތަކުގެ ލީޑަރުންނާއި އަދި ދިވެހި އެންމެހާ ރައްޔިތުންގެ ކިބައިން އެދޭ އެދުމަކީ ވެސް އިބޫ ގެ ސަރުކާރު ކާމިޔާބު ކޮށް ރައްޔިތުން އެދޭ ފަދަ އުންމީދީ ފަސް އަހަރަކަށް ކުރިޔަށް އޮތް ފަސް އަހަރު ހެދުން ކަމަށް އިމްރާން ވިދާޅުވި އެެވެ.
އިމްރާން ވިދާޅުވީ "23 ސެޕްޓެމްބަރަށް ފަހު އަޅުގަނޑުމެން ރާއްޖެ މިވަނީ މުޅިން އާ ސަފްހާއަކަށް ހުޅުވާލެވިފަ" ކަމަށާއި ރާއްޖެއަށް މިލިބުނު ކާމިޔާބަކީ ދިވެހި ތާރީހު ބަދަލުކޮށްލާވަރުގެ މުހިންމު ކާމިޔާބެއް ކަމަށެވެ.
"މިއީ ރާއްޖޭގައި މި ވޭތުވެދިޔަ ދުވަސްތަކުގައި ކުރިމަތިވެގެން ދިޔަ އެތައް ގޮންޖެހުން ތަކަކުން ރާއްޖެއަށް އަރައިގަތުމަށްޓަކައި މަގުފަހި ކޮށްދެއްވި މަގުފަހި ކޮށްދެއްވުމެއް." އިމްރާން ވިދާޅުވިއެވެ.
"މި ކާމިޔާބުގެ ހަގީގީ އަސްލަކީ ރާއްޖޭގައި މިއަދު ގުޅިފައިވާ ސިޔާސީ ޕާޓީތައް އެކުގައި މަސައްކަތްކުރަން ފެށުން އަދި އެ ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ ކެތްތެރިކަމާއި އެބޭފުޅުން ކުރެއްވި މިންނެތް މަސައްކަތްތައް،" ގޭބަންދުގައި ހުންނެވުމަށް ފަހު، ސުޕްރީމް ކޯޓުގެ އަމުރުން މިނިވަންވުމަށް ފަހު މީޑީއާތަކާ ފުރަތަމަ ފަހަރަށް ބައްދަލު ކުރައްވައި ދެއްކެވި ވާހަކައިގައި ޝޭހް އިމްރާން ވިދާޅުވިއެވެ.
"އަޅުގަނޑުމެނަށް ގައުމު ސަލާމަތުން މިއަދު އަނބުރާ އަތު ޖެހިފަ މިއޮތީ ދިވެހި ރައްޔިތުންގެ ސާބިތުކަމާއި ހިތްވަރުން. އެކަމަށްޓަކައި ދިވެހި ހުރިހާ ރައްޔިތުންނަށް އަޅުގަނޑުގެ އަމިއްލަ ނަމުގައި އަދި އަދާލަތު ޕާޓީގެ ނަމުގައި ފަށްފަށުން ޝުކުރު އަދާކުރަން" އަދާލަތު ޕާޓީގެ ސްޓޭންޑަށް ވޭތުވެދިޔަ ދުވަސްތަކުގައި ދިވެހި ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކުރައްވަމުން އިމްރާން ވިދާޅުވި އެވެ.
މި މަސައްކަތް ފެށިގެން ދިޔައީ ރައީސް ޔާމީން ގެ ދައުރުގައި "އަނިޔާވެރި ގޮތެއްގައި" ރައީސް ނަޝީދު ޖަލަށް ލެވުނު ހިސާބުން ކަމަށާއި އަދި އެއަށްފަހު ކާނަލް ނާޒިމް ޖަލަށް ލެވި އަދި ގާސިމް އިބްރާހިމްގެ މުދާތައް "ނުހައްގު ގޮތުގައި އެގޮތް މިގޮތަށް" ސަރުކާރަށް ނެގުމުގެ މަސައްކަތް ރައީސް ޔާމީން ފެއްޓެވި ކަމަށް ޝޭހް އިމްރާން ތުހުމަތު ކުރެއްވި އެވެ. އަދި އެކަންކަން ވެގެން ދިޔައީ މުޅި ރައްޔިިތުންގެ ހިތުގައި ވަރަށް ބޮޑު ނާމާންކަމާއި ބިރުވެރިކަމެއް އުފެދިގެން ދިޔަ ސަބަބަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އަދާލަތު ޕާޓީން އެ ވަގުތު ނިންމީ އެކަންތައް ކުރިމަތީ ލޯމަރާލައިގެން ބަސް ނުބުނެ އިސްޖަހާލައިގެން ނުތިބެ، ހިތްވަރާއި ސާބިތުކަމާއި އެކު[ސަރުކާރާ ދެކޮޅަށް] ނިކުމެ މަސައްކަތްކުރުމަށް،"
އިމްރާން އިތުރަށް ވިދާޅުވީ އެމަނިކުފާނު ޖަލުގައި ހޭދަ ކުރެއްވި ތިން އަހަރާއި ހަމަހުގެ މުއްދަތުގައި އެ ޕާޓީ މިހާ ހިސާބަށް އައުމުގެ އަސްލަކީ ޕާޓީގެ ލީޑަޝިޕްގެ މިންނެތް މަސައްކަތް ކަމަށެވެ. އަދި އަދާލަތުޕާޓީ "އުވާލައި ނެތިކޮށްލުމަށްޓަކައި ސަރުކާރުން މަސައްކަތް ކުރި" ކަމަށާއި އެ މަސަައްކަތުގެ ކުރިމަތީގައި އޮވެމެ ލީޑާޝިޕުން ދެއްކެވި ހިތްވަރާއި ސާބިތު ކަމަށް އޭނާ ޝުކުރު އަދާ ކުރައްވާ ކަމަށެވެ.
އަދާލަތު ޕާޓީގެ ރައީސް ޝޭހް އިމްރާނުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި 12 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ސުޕްރީމު ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފައެވެ.