އެމަނިކުފާނު މަސައްކަތް ކުރައްވާނީ ގާނޫނީ އިމުގެ ތެރެއިން ކަަމަށް މިރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގަތުމަށް ފަހު މީޑިއާއާ ވާހަކަ ދައްކަމުން ގާސިމް ވިދާޅުވީ އޭނާ މަސައްކަތް ކުރައްވާނީ ދިވެހި ރައްޔިތުންނަށް އިހުލާސްތެރި މީހެއްގެ ގޮތުަގައި ކަމަށެވެ. އަދި ރައްޔިތުންނަށް މާޔޫސްކަން ގެނުވާނެ ފަދަ ގޮތަކަށް މަސައްކަތް ނުކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިހުލާސްތެރިކަމާ އެކު މަސައްކަތް ކުރަނީ ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ އަށާއި ގައުމުގެ ރައްޔިތުންގެ މަންފާއާ ފައިދާ ހިމެނޭ ގޮތަށް އަދި ދިވެހި ދައުލަތާއި ސަރުކާރަށް އިހުލާސްތެރިކަމާ ވަފާތެރިކަމާ އެކުގައި،" ގާސިމް ވިދާޅުވި އެވެ.

"މަޖިލީހުގެ ގާވާއިދާ، ގާނޫނު އަސާސީއާ ގާނޫނުގެ އިމުގެ ތެރެއިން މާތް ﷲ އިދާރަކުރެއްވިއްޔާ ބާއްޖަވެރި ދުވަސްތަކެއް، ދިވެހި ރައްޔިތުންނަށް ހިތްހަމަ ޖެހުން ގެނެސްދޭނެ ދުވަސްތަކެއް، ދިވެހި ސަރުކާރަށް އިތުރު މަންފާ ލިބިދާނެ ލުއި ފަސޭހަ ގޮތަކަށް އަޅުގަނޑު މަސައްކަތް ކުރަނީ."

ގާސިމް ވަނީ އޭނާއަށް ތާއީދު ކުރެއްވި ކަމަށްޓަކައި އިދިކޮޅުގެ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުންނަށާއި ގުޅިފައިވާ ޕާޓީތަކުގެ ލީޑަރުންނަށް ޝުކުރު އަދާ ކުރައްވާފަ އެވެ.

މިރޭ ރައްޔިތުންގެ މަޖިލީހުގައި އެކަމަށް ހާއްސަކޮށްގެން ބޭއްވި ޖަލްސާގައި ގާސިމް މަޖިލިސް ރައީސް ކަމަށް އިންތިހާބު ކޮށްފައިވަނީ 62 މެމްބަރުންގެ ސިއްރު ވޯޓުންނެވެ. މަޖިލީހަށް ހާޒިރުވެ ތިބީ 80 މެމްބަރުންނެވެ. ގާސިމްގެ އިތުރުން މަޖިލީހުގެ ރައީސް ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲގެ ނަންފުޅު ހުށަހެޅުއްވި އެވެ. އަބްދުއްރަހީމަށް ލިބިވަޑައިގެންނެވީ 16 ވޯޓެވެ.

ގާސިމް ވަނީ މީގެ ކުރިން ހާއްސަ މަޖިލީހުގެ ރައީސްކަން ކުރައްވާފަ އެވެ. ފެހި ގާނޫނުއަސާސީ ވުޖޫދަށް ގެނައިއިރު ހާއްސަ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވީ ގާސިމް އެވެ.