ނޮވެމްބަރު މަހު އައްޑު އާއި ފުވައްމުލަކުގައި ބާއްވާ ސާކް ސަމިޓަށް އައްޑޫގައި ހަދާ ކޮންވެންޝަން ސެންޓަރުގެ 60 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

އައްޑޫ ސިޓީ ކައުންސިލް އިދާރާގެ އެސިސްޓަންޓް ޑިރެކްޓަރު މުހައްމަދު ލުތުފީ މިއަދު ވިދާޅުވީ ކޮންވެންޝަން ސެންޓަރުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި 3000 މީހުންގެ ޖާގައިގެ ސެންޓަރުގެ ވީވީއައިޕީ އޭރިޔާގެ 80 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އަދި ވިދާޅުވީ ލޭންޑް ސްކޭޕިންގެ ވެސް 40 ޕަސެންޓް ވަރު މަސައްކަތް ނިމިފައިވާ ކަމަށެވެ.

މާމެންދޫ އާރުއެފް ސަރަހައްދުގައި ހަދާ ކޮންވެންޝަން ސެންޓަރުގެ މަސައްކަތް ހަވާލުކުރީ އަމިން ކޮންސްޓްރަކްޝަނާ އެވެ. ނަމަވެސް މަސައްކަތް އަވަހަށް ނިންމުމުގެ ގޮތުން އެމްއެންޑީއެފުން ވެސް ބައެއް މަސައްކަތް ކުރަމުން އަންނަ ކަމަށް ލުތުފީ ވިދާޅުވި އެވެ.