ނ. މާފަރުން ރުއްތަކެއް ގަނެގެން ރާއްޖެއިން ބޭރުކުރަން އުޅެނިކޮށް އެ މައްސަލަ ހޫނުވެ، ރުއްތައް އަނބުރާ ރަށަށް އަރުވައިފިއެވެ.

މާފަރު ރައްޔިތުންނާ ބައެއް މިޑިއާތަކުން ބުނެފައިވަނީ ރުއްތައް ބޭރުކުރުމަށް ޕެކްކޮށް އެރަށު ބޭރުގައި އޮތް ބޯޓަކަށް އެރުވުމަށްފަހު އަނބުރާ އެތަކެތި ބާލާފައިވާކަމަށެވެ.

މާފަރު ބޭރުގައި އޮތް ބޯޓު -- ފޮޓޯ: ސޯޝަލް މީޑިއާ

މާފަރުގައި އެއާޕޯޓުު އެޅި ސަރަހައްދުން ނެގި ބައެއް ރުއްތައް ބޭރުކުރަން އުޅެނިކޮށް އެކަން ހޫނުވީ ސޯޝަލް މީޑިއާގައި އެވާހަކަ ދެކެވި އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ސަމާލުކަމަށްވެސް އެކަން އައުމުންނެވެ.

މާފަރު ބޭރުގައި އޮތް ކާގޯ ބޯޓަކަށް ރުއްތައް އަރުވާ ކަމަށް ސޯޝަލް މީޑިއާގައި ވާހަކަ ދެކެވުނެވެ. އަދި އެ ރުއްތައް ބޭރުކުރަނީ ކަސްޓަމްސްގެ ހުއްދަޔާ އެކުތޯ ވެސް ސުވާލު އުފެއްދިއެވެ.

ކަސްޓަމްސް އިން ބުނެފައިވަނީ ރުއްތައް ބޭރުކުރަން އުޅޭވާހަކަ އެ މުވައްސަސާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި ރުއްތައް ބޭރުކުރަން ހުއްދަ ނުދޭ ކަމަށެވެ.

މާފަރުން ރުއްތަކެއް ބޭރުކުރަން އުޅޭކަމަށް ދެކެވޭ ވާހަކައާ ގުޅިގެން މާފަރު ކައުންސިލުން ބުނީ އެރަށު ރައްޔިތުންތަކެއްގެ ރުއްތައް ބޭރު ބަޔަކަށް ވިއްކި ކަމަށެވެ. އަދި އެރަށުން ދޫކޮށްފައިހުރި ގޯތިތަކަކަށް އަރާ ރުއްތައްކެއްވެސް ނަގައި ވިއްކަން އުޅޭކަމަށް ކައުންސިލުން ބުންޏެވެ.

"އެއީ ކައުންސިލުގެ ހުއްދައާއެކު ކުރާ ކަމެއްނޫން" ކައުންސިލުގެ މެންބަރަކު ބުންޏެވެ.

މާފަރުން ނަގާ ރުއްތައް ބޭރުކުރަނީ ޔޫއޭއީ އަށްކަމަށް މީޑިއާ ރިިޕޯޓުތައް ބުނެއެވެ.

މާފަރުގެ އިތުރުން ކ. ކާށިދޫ އާއި ޅ.މަޑިވަރު، ށ. ޅައިމަގުން ރުއްކެނޑި މައްސަލައެއްވެސް ވަނީ އީޕީއޭގެ ސަމާލުކަމަށް އައިސްފައެވެ.

އީޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ ހުއްދަަ ނެތި އެއް ރަށުން އަނެއް ރަށަށް ރުއްގަސް ގެންދާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަމުންދާ ކަމަށެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ރުއްގަސް ކެނޑުމާއި އުފުރުމާއި ކޮނެގެންނެގުން އަދި އެއްރަށުން އަނެއްރަށް ގެންދިއުމާއި ބެހޭ ޤަވާއިދު ގެ ފަސް ވަނަ މާއްދާގެ (ހ) ގެ ދަށުން އެކަން ކުރެވޭނީ އެ އެޖެންސީގެ ހުއްދަ ލިބިގެންނެވެ.