ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އިންތިހާބު ކޮށްފި އެވެ.

މިރޭ ރައްޔިތުންގެ މަޖިލީހުގައި އެކަމަށް ހާއްސަކޮށްގެން ބޭއްވި ޖަލްސާގައި ގާސިމް މަޖިލިސް ރައީސް ކަމަށް އިންތިހާބު ކޮށްފައިވަނީ 62 މެމްބަރުންގެ ސިއްރު ވޯޓުންނެވެ. މަޖިލީހަށް ހާޒިރުވެ ތިބީ 80 މެމްބަރުންނެވެ.

ގާސިމްގެ އިތުރުން މަޖިލީހުގެ ރައީސް ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲގެ ނަންފުޅު ހުށަހެޅުއްވި އެވެ. އަބްދުއްރަހީމަށް ލިބިވަޑައިގެންނެވީ 16 ވޯޓެވެ.

ގާސިމް މަޖިލީހުގެ ރައީސް ކަމަށް ހޮވީ ގުޅިފައިވާ ޕާޓީތަކުން އެއްބަސްވެގެންނެވެ. ގާސިމް އިބްރާހިމްގެ ނަންފުޅު މަޖިލީހަށް ހުށަހެޅުއްވީ އިންތިހާބީ ރައީސް އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު އެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ އިންތިހާބީ ނައިބު ރައީސް އަދި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމު އެވެ.

ގާސިމް ވަނީ މީގެ ކުރިން ހާއްސަ މަޖިލީހުގެ ރައީސްކަން ކުރައްވާފަ އެވެ. ފެހި ގާނޫނުއަސާސީ ވުޖޫދަށް ގެނައިއިރު ހާއްސަ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވީ ގާސިމް އެވެ.

މަޖިލީހުގެ ރައީސް ހޮވުމުގެ މަސައްކަތަށް އެކުލަވާލި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމު އާއި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާންގެ އިތުރުން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފު އެވެ.