01 Nov 2018, 20:51
ސިޔާސީ ހަރަކާތްތައް ހިންގުމުގައި ރައްޔިތުންގެ މަޖިލީހަކީ މުހިންމު ތަނެއް ކަމަށާއި މަޖިލީހަށް ކުރިމަތި ލުމާއި މެދު އަދި ގޮތެއް ނުނިންމާ ކަމުގެ މޭރުމަކުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ތިން އަހަރެއްހާ ދުވަހު އަމިއްލައަށް އަރުވާލެވިގެން ރާއްޖެއިން ބޭރުގައި ދިރިއުޅުއްވުމަށްފަހު މިއަދު މާލެ ވަޑައިގަތް ނޫސްވެރިންނާ ބައްދަލުކުރައްވައި ނަޝީދު ވިދާޅުވީ އެމަނިކުފާނު ދެން ސިޔަސީ މަސައްކަތްތައް ކުރައްވާނީ އަމިއްލަ ފަސް ގަނޑުގައި ހުންނަވައި ގެން ކަމަށާއި އެ މަސައްކަތުގައި ދެމި ހުންނަވާނެ ކަމަށެވެ.
މިދިޔަ ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިހާބަށް ކުރިމަތި ލައްވާނެ ކަން އޭރު އިއުލާނުކޮށް ކެމްޕެއިން ފެއްޓެވި ނަމަވެސް 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވުމުން އެމަނިކުފާނަށް ވަނީ ކުރިމަތި ލެއްވޭ ގޮތް ނުވެފައެވެ. އަދި ދާދި ފަހުން ނަޝީދުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ތަންފީޒު ކުރުން ފަސް ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.
އަންނަ އަހަރު އޮންނަ މަޖިލީހުގެ އިންތިހާބްގައި ވާދަކުރައްވަ ފާނަންތޯ ނަޝީދާ ސުވާލު ދެންނެވުމުން އަމަނިކުފާނު އެއަށް ސީދާ ޖަވާބެއް ނުދެއްވަ އެވެ. އަދި ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް އެހީތެރިކަން ފޯރިކޮށްދޭ ތަނަކަށް މަޖިލިސް ވުމަކީ ދެކެމުން އަންނަ ހުވަފެނެއް ކަމަށެވެ.
"އަޅުގަނޑު ސާފުކޮށް ސީދާކޮށް އަދި މުޅިއަކުން ކަންކަމެއް ނުނިންމަން. އެހެން ނަމަވެސް އިނގިވަޑައިގަންނަވާނެ ރައްޔިތުންގެ މަޖިލީހަކީ ސިޔާސީ ހަރަކާތްތަކުގެ ނާރެސް،"
"ޑިމޮކްރެޓިކް އުސޫލުން މަސައްކަތް ކުރާ ތަނަކަށް ހެދުމަކީ އަބަދުވެސް އަޅުގަނޑުގެ ހުވަފެނެއް. އަބަދުވެސް އަޅުގަނޑު ކުރާ މަސައްކަތެއް،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވަނީ މީގެ ކުރިން ވެސް މަޖިލީހުގެ މާލޭގެ ގޮނޑިއެއް ކާމިޔާބް ކުރައްވައި މަޖިލީހުގައި މަސައްކަތްތަކެއް ކުރައްވާފަ އެވެ.