ސްރީލަންކާގައި ސިޔާސީ ގޮތުން ހަލަބޮލިވެ ޕާލިމަންޓް ސަސްޕެންޑް ކޮށްފައިއޮތް ނަމަވެސް އެ ސަސްޕެންޝަން އުވާލަން އެގައުމުގެ ރައީސް މައިތިރިޕަލަ ސިރިސޭނާ ނިންމަވައިފިއެވެ.

ލަންކާގެ ބޮޑު ވަޒީރު ކަމުގެ ހުވާ ދާދިފަހުން ކުރެއްވި މަހިންދުރަ ރާޖަޕަކްސާ ލަންކާގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ވަނީ ޕާލިމަންޓްގެ ޖަލްސާ އަންނަ ހޯމަ ދުވަަހަށް ތާވަލްކޮށްފައިވާ ކަން އިއުލާންކުރައްވައިފައެވެ.

"ޕާލެމަންޓްގެ މަސައްކަތްތައް ފެށުމަށް ރައީސް ވަނީ ނިންމަވާފައި،" ރާޖަޕަކްސާ ވިދާޅުވިއެވެ.

ލަންކާގެ ސިޔާސީ މަޝްރަހު ގޯސްވީ ސިރިސޭނާ، ބޮޑުވަޒީރު ކަމުގައި ހުންނެވި ރަނިލް ވަކިކޮށް ރާޖަޕަކްސާ އެ މަގާމަށް އައްޔަނުކުރެއްވުމުންނެވެ. ބޮޑުވަޒީރު ކަމަށް ރާޖަޕަކްސާ އައްޔަނުކުރައްވީ ޕާލިމަންޓްވެސް މިމަހުގެ 16 އާ ހަމައަށް ސަސްޕެންޑް ކުރުމަށްފަހުއެވެ.

އެ ނިންމުމާއެކު ޕާލިމަންޓްގެ މެޖޯރިޓީ ހޯދާނީ ކޮންބައެއް ކަމާމެދު މިހާރުވަނީ ސުވާލު އުފެދިފައެވެ. ލަންކާގެ ބޮޑު ވަޒީރުކަމުން ދުރުކުރެއްވި ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގް އަދިވެސް ވިދާޅުވަމުންގެންދަވަނީ، މަޖިލިސްގެ މެޖޯރިޓީ ކޮންޓްރޯލް ކުރަނީ އޭނާ ކަމަށެވެ.

ރަނިލް ވިކްރަމަސިންގް ޕާޓީ ޔޫއެންޕީގެ މެމްބަރު އަޖިތު ޕެރޭރާ ވިދާޅުވީ ޖަލްސާތައް ފެށުމުން މަޖިލިސްގެ މެޖޯރިޓީ އޮތީ ކޮންބައެއްކަން ވަރަށް ރަނގަޅަށް އެނގޭނެ ކަމަށެވެ.

"އަޅުގަނޑުމެންނާއެކު ޕާލިމެންޓްގައި 124 މެމްބަރުން އެބަތިއްބެވި." އަޖިތު ވިދާޅުވިއެވެ.

އަޖިތެކޭ އެއްފަދައިން ރާޖަޕަކްސާވެސް ވިދާޅުވީ މަޖިލިސްގެ މެޖޯރިޓީ އޭނާގެ ޕާޓީގެ އަތުގައި ކަމަށެވެ. އެގޮތުން މަޖިލީހުގެ 130 މެމްބަރުން ތިއްބެނީ އޭނާއާ އެކުކަމަށް ވަނީ ވިދާޅުވެފައެވެ.

ރަނިލްގެ ޕާޓީގެ މެމްބަރުން ފަހަކަށް އައިސް ވަނީ އެ ޕާޓީ ދޫކޮށް ސިރިސޭނާގެ ޕާޓީއަށް ވަންނަމުންނެވެ.

ރަނިލް ވެރިކަމުން ވަކިކުރިނަމަވެސް އަދިވެސް ބޮޑުވަޒީރަކީ އޭނާކަމުގައި ރަނިލް ދަނީ ވިދާޅުވަމުންނެވެ. ރަނިލްގެ ސަޕޯޓަރުން ދަނީ މަގުތަކަށް ނުކުމެވަރުގަދަ މުޒާހަރާތަކެއް ކުރަމުންނެވެެ.