01 Nov 2018, 20:27
ދިވެހި ރައްޔިތުން ފަދަ ހިތްވަރު ގަދަ ރައްޔިތުން ހޯދުމަކީ ދަތި ކަމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދިވެހި ރައްޔިތުންނަށް ތައުރީފު ކުރައްވައިފި އެވެ.
ތިން އަހަރަށްވުރެ ގިނަ ދުވަހު ބޭރުގެ ހިމާޔަތް ހޯއްދަވައިގެން ހުންނެވުމަށް ފަހު ރައީސް ނަޝީދު މާލެ ވަޑައިގެން އެމަނިކުފާނުގެ ސަޕޯޓަރުންނަށް މުހާތަބު ކުރައްވާ ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ. އާޓިފިޝަލް ބީޗަށް އެއްވެ އޮތް އެތައް ހާސް ބަޔާކާ މުހާތަބު ކުރައްވަމުން ނަޝީދު ވިދާޅުވީ "ތިޔަ ބޭފުޅުން ފަދަ ހިތްވަރުގަދަ ރައްޔިތެއް ހޯދާން ދަތިވާނެ." ކަމަށެވެ.
ނަޝީދު ވިދާޅުވި ގޮތުން 23 ސެޕްޓެމްބަރުގައި ބޭވުނު ރިޔާސީ އިންތިހާބުގައި ފެނިގެން ދިޔައީ ދިވެހި ރައްޔިތުންގެ ހިއްވަރެވެ. ނަޝީދު ވިދާޅުވީ އެދުވަހު ދިވެހި ރައްޔިތުން ނުކުންނަވާ މުޅި ދުނިޔެ ސިއްސުވާލި ކަމަށެވެ. އަދި ދިވެހިންނަކީ ރާއްޖެ ސަލާމަތްކޮށްދެއްވި ބޭފުޅުން ކަމަށް ނަޝީދު ވިދާޅުވި އެވެ.
" ދިވެހިން ދައްކާ ދެއްވައިފި ދިވެހިންނަނީ އުންމީދު ނަގާލާނެ ބައެއް ނޫންކަން. އިބޭފުޅުން ދައްކާދީފި ދިވެހިން ދައްކާދީފި ދިވެހިންނަކީ ފަހަތައްޖެހޭނެ ބައެއް ނޫންކަން. ދިވެހިން މުޅި އުންމަތައް ދައްކައިދީފި ދިވެހި ރައްޔިތުން އެމީހުންނަށް ހައްގު މިންވަރު ހޯދާނެކަން." ނަޝީދު ވިދާޅުވި އެވެ.
ދިވެހިން ބޭނުންވާ ދިވެހިރާއްޖެއެއްގެ ތަސައްވަރު ކުރއްސަވާނީ ދިވެހިންކަން ނިމިދިޔަ ރިޔާސީ އިންތިހާބުގައި ދައްކައިދީފިކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ވައްކަން ކަމު ނުދާ ކަމަށް ހަރުއަޑުން ދިވެހިން ވިދާޅުވެއްޖެ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
ދިވެހިން ބޭނުންވަނީ އިސްލާމީ ރިވެތި އުސޫލުގެ ދަށުން ހިނގާ ޑިމޮކްރެޓިކް ދިވެހިރާއްޖެއެއް ކަމާއި އަނިޔާވެރިކަމާއި ހުދުމުހުތާރު ކަމަށް ޖާގަ ނުދެއްވާނެކަންވެސް ދިވެހިން ދައްކައިދީފި ކަމަށް ނަޝީދު ވިދާޅުވި އެވެ.
" އަޅުގަނޑާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އެންމެހާ ސިޔާސީ ލީޑަރުންނާއި އަދި ވަކިން ހާއްސަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަޅުގަނޑުމެން އެންމެން މިވަނީ ތިބޭފުޅުންނަށް ދަރާފައި. އަޅުގަނޑުމެން އެންމެން މިވަނީ ތިބޭފުޅުން ކޮންމެ މީހަކަށް ބީހިޔާވަހިކަމަށް ފުލެޓަކަށް ދަރާފައި. އެ ދަރަނި އަދާކޮށްދޭނަން." ނަޝީދު ވިދާޅުވި އެވެ.