01 Nov 2018, 20:03
ދިވެހިންނަށް އެންމެ ފައިދާ ވާނީ ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް އޮތުމުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭން ބޭރުގައި ހުންނެވުމަށް ފަހު މިއަދު ނަޝީދު ރާއްޖެ ވަޑައިގަތުމުން ސަޕޯޓަރުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ. ރާއްޖެ ވަޑައިގެން މިރޭ އިރުއޮއްސުނު ވަގުތު އުނިމާ ގްރޭންޑްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް އޮތުމަކީ އެމަނިކުފާނު އަބަދުވެސް ބޭނުންވާ ކަމެއް ކަމަށެވެ. އަދި އެއީ އެމަނިކުފާނުގެ ފިކުރު ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"އެކަމަކީއެއް ވަކި އިރެއްގައި އަޅުގަނޑު ގަބޫލުކުރާ ކަމެއް ނޫން. އަޅުގަނޑު އަބަދުވެސް ދެކޭ ގޮތުގައި ސާފު ގޮތެއްގައި ވެރިކަން ހިންގުމަށް އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމު،" ނަޝީދު ވިދާޅުވި އެވެ.
ބަރުލަމާނީ ނިޒާމެއް ރާއްޖެ ގެނައުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ޖެހޭކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ ހުރިހާ ކަމެއްވެސް ކުރައްވާނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ)ގެ މަޝްވަރާ އާއި އިރުޝާދުގެ ދަށުން ކަމަށެވެ.
ކުރިއަށް އޮތް ކޯލިޝަނުގެ ސަރުކާރެއްގައި އެމަނިކުފާނުގެ އެންމެ ބޮޑު ޒިންމާއަކަށް ވާނީ އެ ވެރިކަން ވެއްޓުނު ނުދީ ހިފެހެއްޓުން ކަން ނަޝީދު ފާހަގަ ކުރެއްވި އެވެ. އަދި ދައުރުގެ މެދު ތެރެއިން އިންތިހާބެއް ބާއްވައި އިބޫގެ އިންތިހާބީ ދައުރު ފުރިހަމަ ކުރުމަށް ހުރަސްތަކެއް ކުރިމަތި ކުރުމަށް ފާޅުގައި ދެކޮޅު ހައްދަވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"ރިޔާސީ ނިޒާމެއްގެ ތެރޭގައި ފިކްސްޑް ޓާމެއްގެ ތެރޭގައި މެދުން އިލެކްޝަނެއް ނުގެނެވޭނެ،" ނަޝީދު ވިދާޅުވި އެވެ.
އިންތިހާބީ ރައީސް އިބޫ އަކީ ހުރިހާ ފަރާތްތަކާ މަޝްވަރާ ކޮށްގެން ވެރިކަން ކުރައްވާނެ ފަރާތެއްކަން ފާހަގަކޮށް ނަޝީދު ވިދާޅުވީ އެ ސަރުކާރު ވެގެން ދާނީ ރާއްޖޭގައި ތާރީހުގައި އެންމެ ގާބިލް ސަރުކާރަށް ކަމަށެވެ. އަދި އެކަން އެމަގަށް ގެންދިއުމަށް ހަތަރު ޕާޓީގެ ލީޑާޝިޕުގައި ތިބި ފަރާތްތަކުގެ އެހީތެރިކަން ފުރިހަމައަށް ލިބިގެން ދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.