އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި ރާމިޒް އިބްރާހިމް މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އެމްޑިޕީގެ މެޖޯރިޓީ އޮންނަ ކައުންސިލްގެ ރައީސް އިސްތިއުފާ ދެއްވިކަމުގެ ސިޓީގައި އޭނާ ވިދާޅުވެފައިވަނީ "ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ރާއްވާފައިވާ މަޝްރޫޢުތައް ކުރިޔަށް ގެންދިއުމުގައި ކައުންސިލްގެ މެންބަރުންގެ އެއްބާރުލުން ނުލިބުމާއި، ކައުންސިލްގެ ގާނޫނީ ވާޖިބު އަދާކުރުމުގައި ގިނަ މެންބަރުން ހުރަސް އަޅަމުން ދާތީވެ ކައުންސިލްގެ އަގުވެއްޓި ރައްޔިތުންގެ އިތުބާރު ގެއްލި އަތޮޅުގައި ސަރުކާރަށް އޮތް ތާއިދު އަތޮޅު ކައުންސިލަރުންގެ ސަބަބުން ކުޑަވެގެންދާތީ" އިސްތިޢުފާ ދެއްވީކަމަށެވެ.

އއ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް ވިދާޅުވީ ރާމިޒު ރައީސް ކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އަލުން ރައީސަކު ހޮވުމަށް ބާއްވަންޖެހޭ ބައްދަލްވުން އަންނަ ހަފުތާގެ ތެރޭގައި ބާއްވައި އެ މަގާމަށް ރައީސަކު އަލުން އިންތިހާބު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ.

އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ މެންބަރުންގެ ގޮތުގައި ތިއްބަވަނީ އެމްޑީޕީގެ ފަސް ކައުންސިލަރަކާއި ޑީއާރްޕީގެ ކައުންސިލަރެކެވެ.