ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އިސްތިއުފާ ދެއްވުމާ ގުޅިގެން މަޖިލީހުގެ ރައީސްގެ މަގާމަށް ބޭފުޅަކު އިންތިޚާބު ކުރުން މިރޭގެ ޖަލްސާއަށް ތާވަލުކޮށްފި އެވެ.

މަޖިލީހުގެ ރައީސް ކަމަށް އިދިކޮޅު ފަރާތްތަކުން ބޭނުންވަނީ މާމިމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީި ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގެންނާށެވެ. އެމަގާމަށް ދެން ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ޕީޕީއެމްގެ ނައިބު ލީޑަރު ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އެވެ.

މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ނޫސްވެރިންނާ ބައްދަލުކުރައްވާ މިރޭ ވިދާޅުވީ މިރޭ 9:15 އަށް ތާވަލުކުރެވިފައި އޮތް އެޖެންޑާގައި މަޖިލީހަށް ރައީސެއް އިންތިހާބު ކުރުމަށް ވޯޓަށް އެހުން އޮންނާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަށް ރައީސަކު އިންތިހާބު ކުރަން މިރެޔަށް ތާވަލުކޮށްފައި މިވަނީ މަޖިލީހުގެ ރައީސް ކަމުގައި ހުންނެވި އަބްދުﷲ މަސީހު މުހައްމަދު މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މަސީހު އިސްތިއުފާ ދެއްވާފައިވަނީ އެނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިރެއަށް އެޖެންޑާކޮށްފައި ވަނިކޮށެވެ.

މަޖިލީހުގެ ރައީސްކު އިންތިހާބު ކުރުމަށް މަޖިލީހުގެ މެމްބަރުންގެ މެދުގައި ނަގާނީ ސިއްރު ވޯޓެކެވެ.