ރާއްޖޭގައި އަލަށް ކިޔަވައިދޭން ފަށާ މެޑިކަލް ކޮލެޖުން ހިންގާ އެމްބީބީއެސް ކޯހުގެ ފުރަތަމަ މޮޑިއުލް ކިޔަވައިދޭނީ މެލޭޝިއާގައި ކަމަށް ގައުމީ ޔުނިވާސިޓީން ބުނެފިއެވެ.

ގައުމީ ޔުނިވާސިޓީގެ ސްކޫލް އޮފް މެޑިސިންގެ ޑީން ޑރ. ޝިޒާ އަލީ "ސަން" އަށް މައުލޫމާތު ދެމުން ވިދާޅުވީ ފުރަތަމަ މޮޑިއުލް ކިޔަވައިދޭނީ މެލޭޝިއާގެ ޔޫކޭއެމް މެޑިކަލް ކޮލެޖުގައި ކަމަށެވެ.

"މި ކޮޅުގައި އަޅުގަނޑުމެންގެ މާބޮޑު ވަސީލަތްތަކެއްވެސް ނެތް. ދެން އަސްލު މެޑިކަލް ކޮލެޖެއްގައި ކިޔަވައިދޭ ގޮތް ބަލާލުމަކީ އެ ކުދިންނަށްވެސް ހަމަ ވަރަށް ރަނގަޅު ތަޖުރިބާއަކަށް ވާނެ،" ޑރ. ޝީޒާ ވިދާޅުވިއެވެ.

ގައުމީ ޔުނިވާސިޓީއިން މެޑިސިން ކިޔަވައިދިނުމަށް ހުޅުވާލުމުން އެ ކޯހަށް 80 އަށް ވުރެ ގިނަ ދަރިވަރުން ކުރިމަތިލިއެވެ. ނަމަވެސް އޭގެ ތެރެއިން ޝަރުތު ހަމަވެގެން އެ ކޯހުން ޖާގަ ދީފައިވަނީ 39 ދަރިވަރަކަށެވެ. ނަމަވެސް ކޯސް ފެށުން ލަސްވުމާ އަދި އެކި އެކި ސަބަބުތަކާ ހުރެ ފުރަތަމަ ބެޗުގައި ބައިވެރިވެފައިވަނީ އެންމެ 23 ދަރިވަރުންނެވެ.

މެޑިސިން ޕްރޮގްރާމްގައި ހިމެނޭ ފުރަތަމަ ބެޗުގެ ދަރިވަރުންނަށް މިދިޔަ ހޯމަ ދުވަހު އޮރިއެންޓޭޝަން ޕްރޮގްރާމްއެއްވެސް ވަނީ ހިންގައިފައެވެ.

މެޑިކަލް ކޮލެޖްގެ ކިޔެވުން ފަށަން ކުރިން ހަމަޖެހިފައިއޮތީ ޖުލައި މަހުއެވެ. ނަމަވެސް ޑޮކްޓަރުކަން ނުޔަވައިދިނުމަށް ހާއްސަކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލް ނުނިމުމުގެ ސަބަބުން ކިޔެވުން މިހާތަނަށްވެސް އޮތީ ނުފެށިއެވެ.

ޑޮކްޓަރުކަން ކިޔަވައިދިނުމަށް ދަރުމަވަންތަ ހޮސްޕިޓަލުގެ ދެ ފަންގި ފިލާއެއް ވަނީ ހާއްސަކޮށްފައެވެ.