01 Nov 2018, 18:10
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މިހާރުގެ އެންމެ ބޮޑު އަމާޒަކީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ސަރުކާރު ދެމެހެއްޓުން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
ތިން އަހަރަށްވުރެ ގިނަ ދުވަހު ބޭރުގެ ހިމާޔަތް ހޯއްދަވައިގެން ހުންނެވުމަށް ފަހު ރައީސް ނަޝީދު މާލެ ވަޑައިގެން އެމަނިކުފާނުގެ ސަޕޯޓަރުންނަށް މުހާތަބު ކުރައްވާ ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ. އާޓިފިޝަލް ބީޗަށް އެއްވެ އޮތް އެތައް ހާސް ބަޔާކާ މުހާތަބު ކުރައްވަމުން ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ އިބޫގެ ސަރުކާރު ދެމެހެއްޓުން ކަމަށެވެ.
"އަޅުގަނޑުގެ އަމާޒަކީ އޮނަރަބަލް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ދެމެހެއްޓުން. ހިފެހެއްޓުން. ގުޑުނަ ނުދިނުން. އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންގެ ނޭވާ ހިނގާ ހިނދަކު. ހިތުގައި ވިންދު ހިނގާހާ ހިނދަކު މި މަސައްކަތް އަޅުގަނޑުމެން ހުއްޓައެއް ނުލާނަން." ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު މާލެ ވަޑައިގެން ސަޕޯޓަރުންނާ މުހާތަބު ކުރައްވަނީ --- ސަންފޮޓޯ/ މުޒައްޔިނު ނާޒިމް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަރުބަލި ކަމެއް ނެތި މަސައްކަތް ކުރަމުންދާނީ ދިވެހި ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހެދުމަށް ކަމަށް ނަޝީދު ވިދާޅުވި އެވެ.
ކުޑައިރުގެ އަދި އެންމެ ގާތް އެކުވެރިޔާ އިބޫއަށް ރައީސް ނަޝީދު ވަނީ ހާއްސަ ޝުކުރެއް އަދާކޮށްފަ އެވެ. އިބޫގެ މަސައްކަތް ދިވެހިން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ވަކިން ހާއްސަކޮށް އަޅުގަނޑުގެ ކުޑައިރުއްސުރެ ރަހުމަތްތެރިޔާ އިބްރާހިމް މުހައްމަދު ސޯލިހު އެކުރެއްވި މަސައްކަތަކީ އަޅުގަނޑުމެން ދުވަހަކުވެސް ހަނދާން ނައްތާލައިގެން ވާނެ މަސައްކަތެއް ނޫން." ނަޝީދު ވިދާޅުވި އެވެ.

ކުރީގެ ރައީސް ނަޝީދު މާލެ ވަޑައިގެން ރައްޔިތުންނާއެކު މަޖީދީ މަގުން ހިންގަވާފައި ވަޑައިގަންވަނީ --- ފޮޓޯ/ މުޒައްޔިން ނާޒިމް
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށްވެސް ނަޝީދު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ. މިއަދު ގައުމު އައިސްފައި އޮތް ހިސާބަށް ގެނެސް ދިނުމުގައި އެބޭފުޅުންގެ ދައުރު ބޮޑު ކަމަށް ނަޝީދު ވިދާޅުވި އެވެ.
ދިވެހި ރައްޔިތުންނަށް ނަޝީދުގެ ވާހަކަފުޅުގައި ވަރަށް ބޮޑަށް ތައުރީފު ކުރެއްވި އެވެ. ނަޝީދު ވިދާޅުވީ 23 ސެޕްޓެމްބަރުގައި ދިވެހި ރައްޔިތުން ނުކުންނަވާ މުޅި ދުނިޔެ ސިއްސުވާލި ކަމަށެވެ. އަދި ދިވެހިންނަކީ ރާއްޖެ ސަލާމަތްކޮށްދެއްވި ބޭފުޅުން ކަމަށް ނަޝީދު ވިދާޅުވި އެވެ.
" ދިވެހިން ދައްކާ ދެއްވައިފި ދިވެހިންނަނީ އުންމީދު ނަގާލާނެ ބައެއް ނޫންކަން. އިބޭފުޅުން ދައްކާދީފި ދިވެހިން ދައްކާދީފި ދިވެހިންނަކީ ފަހަތައްޖެހޭނެ ބައެއް ނޫންކަން. ދިވެހިން މުޅި އުންމަތައް ދައްކައިދީފި ދިވެހި ރައްޔިތުން އެމީހުންނަށް ހައްގު މިންވަރު ހޯދާނެކަން." ނަޝީދު ވިދާޅުވި އެވެ.
ދިވެހިން ބޭނުންވާ ދިވެހިރާއްޖެއެއްގެ ތަސައްވަރު ކުރއްސަވާނީ ދިވެހިންކަން ނިމިދިޔަ ރިޔާސީ އިންތިހާބުގައި ދައްކައިދީފިކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ވައްކަން ކަމު ނުދާ ކަމަށް ހަރުއަޑުން ދިވެހިން ވިދާޅުވެއްޖެ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

ކުރީގެ ރައީސް ނަޝީދު މާލެ ވަޑައިގެން ރައްޔިތުންނާއެކު މަޖީދީ މަގުން ހިންގަވާފައި ވަޑައިގަންވަނީ، އަރިހުގައި އަނބި ކަނބަލުން ލައިލާ އަލީ އަދި އިންތިހާބީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު --- ފޮޓޯ/ މުޒައްޔިން ނާޒިމް
ދިވެހިން ބޭނުންވަނީ އިސްލާމީ ރިވެތި އުސޫލުގެ ދަށުން ހިނގާ ޑިމޮކްރެޓިކް ދިވެހިރާއްޖެއެއް ކަމާއި އަނިޔާވެރިކަމާއި ހުދުމުހުތާރު ކަމަށް ޖާގަ ނުދެއްވާނެކަންވެސް ދިވެހިން ދައްކައިދީފި ކަމަށް ނަޝީދު ވިދާޅުވި އެވެ.
" އަޅުގަނޑާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އެންމެހާ ސިޔާސީ ލީޑަރުންނާއި އަދި ވަކިން ހާއްސަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަޅުގަނޑުމެން އެންމެން މިވަނީ ތިބޭފުޅުންނަށް ދަރާފައި. އަޅުގަނޑުމެން އެންމެން މިވަނީ ތިބޭފުޅުން ކޮންމެ މީހަކަށް ބީހިޔާވަހިކަމަށް ފުލެޓަކަށް ދަރާފައި. އެ ދަރަނި އަދާކޮށްދޭނަން." ނަޝީދު ވިދާޅުވި އެވެ.

ކުރީގެ ރައީސް ނަޝީދު މާލެ ވަޑައިގެން ރައްޔިތުންނާއެކު މަޖީދީ މަގުން ހިންގަވާފައި ވަޑައިގަންވަނީ، އަރިހުގައި އަނބި ކަނބަލުން ލައިލާ އަލީ އަދި އިންތިހާބީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު --- ފޮޓޯ/ މުޒައްޔިން ނާޒިމް
ގިނަ ދުވަސްތަކެއް ބޭރުގައި ހުންނަން ޖެހުނުކަން ފާހަގަކޮށް ނަޝީދުވަނީ އެމަނިކުފާނު މިނިވަން ކުރަން މަސައްކަތް ކޮށްދެއްވި މީހުންނަށް ޝުކުރު އަދާކޮށްފަ އެވެ. ނަޝީދު ވިދާޅުވީ އެމަނިކުފާނު މިނިވަން ކުރުމަށް ދިވެހިން ކުރި މަސައްކަތް ރާއްޖޭގެ ތާރީހުގައި ރަން އަކުރުން ލިޔެވިގެންދާނެ ކަމަށެވެ.
"ތިޔަ ބޭފުޅުން ފަދަ ހިތްވަރުގަދަ ރައްޔިތެއް ހޯދާން ދަތިވާނެ." ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ގިނަ ދުވަސްތަކެއް ބޭރުގެ ހިމާޔަތް ހޯއްދަވައިގެން ހުންނެވުމަށް ފަހު މިއަދު މާލެ ވަޑައިގަތުމުން އެމްޑީޕީން އަދި ގުޅިފައިވާ ޕާޓީތަކުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ. ބޮޑު ފާލަމުން ފެށިގެން ޗާންދަނީ މަގާއި މަޖީދީ މަގު ފުރެންދެން މީހުން އެއްވެފައި އޮތެވެ.