25 Sep 2011, 16:27
އދ. މަޖިލިސް (ސެޕްޓެމްބަރ 25) : ދަސްތޫރެއްގެ މައްޗަށް ބިނާވެފައިވާ މަދަނީ ދިމުޤްރާތީ ވެރިކަމެއް ލީބިޔާގައި ބިނާކުރައްވާނެ ކަމަށާއި ގައްޒާފީގެ ވެރިކަމުން ވާރުތަވެފައިވާ މައްސަލަތަކުން ލީބިޔާ ރައްޔިތުންނަށް އެހާއަވަހަށް ސަލާމަތް ނުވެވޭނެ ކަމަށް ލީބިޔާގައި އަލަށް އެކުލަވާލެވޭ ވަގުތީ ސަރުކާރުގެ ބޮޑުވަޒީރުކަމަށް އިޚްތިޔާރު ކުރެވިފައިވާ ޑޮކްޓަރ މަޙްމޫދް ޖިބްރީލް ވިދާޅުވެއްޖެވެ.
އދ. ގެ ޖެނެރަލް އެސެމްބްލީގައި ތަޤްރީރު ކުރައްވަމުން އިންތިޤާލީ މަޖިލީހުގެ ތަންފީޒީ އޮފީހުގެ ވެރިޔާ، ޖިބްރީލް ވިދާޅުވީ ގައްޒާފީގެ ވެރިކަމުގައި ލީބިޔާއަށް ކުރިމަތިވެފައިވަނީ ފަސޭހައިން އިސްލާޙް ނުކުރެވޭފަދަ އިޖްތިމާޢީ އަދި އިޤްތިސާދީ ގެއްލުންތަކެއް ކަމަށާއި މިގެއްލުންތަކުން ކުއްލިއަކަށް ސަލާމަތްވުމުގެ ސިހުރުވެރި އަސައެއް ލީބިޔާގެ ވެރިކަމުގެ އައު ނިޒާމަށް ލިބިފައިނުވާ ކަމުގައެވެ.
މިމޭރުމުން ވާހަކަ ދައްކަވަމުން ދުނިޔޭގެ ޤައުމުތަކުގައި ފްރީޒް ކޮށްފައިވާ ލީބިޔާގެ 175 ބިލިޔަނެއްހާ އެމެރިކާ ޑޮލަރު، ލީބިޔާގެ ކަންތައްތައް ހަމައަކަށް އެޅުވުމަށްޓަކައި ވީއެންމެ އަވަހަކަށް ދޫކޮށްދިނުމަށް ދުނިޔޭގެ ޤައުމުތަކަށް ޖިބްރީލް އިލްތިމާސް ކުރެއްވިއެވެ. މިފައިސާގެ ބޮޑުބައެއް ހިފަހައްޓާފައިވަނީ އެމެރިކާއިންނެވެ. ގައްޒާފީގެ ވެރިކަން ނިމުމަކަށް އައުމަށްފަހުވެސް އެމެރިކާއިން މިފައިސާ ހިފަހައްޓަނީ ލީބިޔާ އުފައްދާ އާ ސަރުކާރުގެ މައްޗަށް ބަސްބުނުމުގެ ބާރު ހޯދުމުގެ ބޭނުމުގައި ކަމަށް މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ދެކެވެ.
ލީބިޔާގައި ވަގުތީ ސަރުކާރެއް އެކުލަވާލުމުގެ ކަންތައް ނިމި އަންނަ ހަފްތާގައި އެސަރުކާރުގެ އޮނިގަނޑު (ވުޒާރާތަކާއި ވަޒީރުންގެ ނަންތައް) ޢިޢްލާން ކުރެވޭނެ ކަމަށް ލީބިޔާގެ އިންތިޤާލީ މަޖިލީހުގެ ރައީސް މުސްތަފާ ޢަބްދުލްޖަލީލް ވިދާޅުވިއެވެ. ލީބިޔާގެ ވަގުތީ ސަރުކާރުގައި ބޮޑުވަޒީރަކާއި ބޮޑުވަޒީރުގެ ނައިބަކާއި 22 ވަޒީރުން ހިމެނޭނެ ކަމަށްވެސް ޢަބްދުލްޖަލީލް ވިދާޅުވިއެވެ.
އަނެއްކޮޅުން ލީބިޔާގައި ވެރިކަންކުރާ އިންތިޤާލީ މަޖިލީހަށް ނިސްބަތްވާ ހަނގުރާމަވެރިން އެޤައުމުގެ 4 ވަނައަށް އެންމެ ބޮޑު ރަށްކަމަށްވާ ސިރްތް އަށް ވަދެއްޖެއެވެ. ސިރްތަކީ ލީބިޔާގެ ކުރީގެ ޒަޢީމް މުޢައްމަރުލްޤައްޒާފީގެ އުފަންރަށް. މިހާތަނަށް އެރަށް އޮތީ ގައްޒާފީއަށް ވަފާތެރި ސިފައިންގެ ކޮންޓްރޯލްގެ ދަށުގައެވެ. ހަނގުރާމަވެރިންގެ ޙަމަލާތަކާ ގުޅިގެން ސިރްތުގައި ތިބި ގައްޒާފީއަށް ވަފާތެރި ސިފައިންގެ އެއްބަޔަކު ފިލައި އަނެއްބަޔަކު އަސީރު ކުރެވުނު ކަމަށް ހަނގުރާމަވެރިންގެ ކޮމާންޑަރުން ހާމަކުރެއެވެ.
ގައްޒާފީއަށް ވަފާތެރި ސިފައިންގެ ކޮންޓްރޯލްގެ ދަށުގައިއޮތް ލީބިޔާގެ 3 ރަށުގެ ތެރެއިން ސަބްހާއާއި ސިރްތު މިހާރު ހަނގުރާމަވެރިން ގެ ކޮންޓްރޯލްގެ ދަށަށް އައިސްފައިވީ ނަމަވެސް ބަނީވަލީދު އަދިވެސްވަނީ ގައްޒާފީއަށް ވަފާތެރި ސިފައިންގެއަތް ދަށުގައެވެ. ބަނީވަލީދުގައި ގައްޒާފީގެ ފިރިހެން ދަރިކަލެއްކަމަށްވާ ސައިފުލްއިސްލާމް އުޅުއްވާތަން ފެނިފައިވާ ކަމަށް އެރަށުން ރެފިއުޖީންގެ ގޮތުގައި ނުކުތް ބައެއްމީހުން ބުނެފައިވެއެވެ. (އަލްޖަޒީރާ)