19:00


މާލޭގައި ހިންގަމުންގެންދާ ގްރޫޕް މާރާމާރީތައް ހުއްޓުވުމަށްޓަކައި ފުލުހުން ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަންގައި ފާއިތުވި ހަފްތާގެ ތެރޭގައި 80 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މިދިޔަ މަހުގެ ފަހު ކޮޅުން ފެށިގެން މާލެތެރޭ ހިންގަމުން ގެންދާ ސިލްސިލާ މާރާމާރީތަކާ ގުޅިގެން ފުލުހުން ހިންގަމުން އަންނަ އޮޕަރޭޝަންތަކުގެ ދަށުން އިއްޔެ ރޭ 30 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މީގެއިތުރުން ވެސް ހޮނިހިރު ދުވަހުގެ ރޭ 40 މީހުން އަދި އާދިއްތަ ދުވަހުގެ ރޭ 15 ވަރަކަށް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ. އަދި އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ކުޑަކުދިން ހިމެނޭ ކަމަށާއި އެހެންނަމަވެސް އެއީ ކިހާ ކުދިންނެއް ކަމެއް އަދި ހައްޔަރުކުރި މީހުންނާ ބެހޭ ތަފްސީލެއް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅެއްނުވެ އެވެ. އަދި މިއަދު ހަވީރު މާރާމާރީ ހިންގަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.


މިހާތަނަށް ހައްޔަރު ކޮށްފައިވާ މީހުންގެ ތެރޭގައި ވޭތުވެދިޔަ ހަފްތާގެ ތެރޭގައި މީހުންނަށް ތޫނު އެއްޗެހިން ހަމަލާދީ މާރާމާރީ ހިންގި މީހުން ހިމެނޭ ކަމަށް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ. މާލޭގައި ފާއިތުވި ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ހިނގާދިޔަ ގުރޫޕް މާރާމާރީތަކާ ގުޅިގެން ހަތަރު މީހަކަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފަ އެވެ. އޭގެ ތެރޭގައި އެންމެ ސީރިއަސްވީ މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރޭ އުމުރުން 14 އަހަރުގެ ކުއްޖެއްގެ ގައިގެ އަށް ތަނަކަށް ވަޅި ހަރާ ޒަޚަމްކޮށްލި ހާދިސާ އެވެ.


މާލޭގައި މާރާމާރީތައް އިތުރުވެ، ތޫނު އެއްޗެތިން ހަމަލާ ދިނުން ގިނަވަމުންދާތީ، އެކަންކަން ވަރަށް ޚާއްސަ ގޮތެއްގައި ބައްލަވައި އެކަންކަން ހުއްޓުވުމަށް އަޅުއްވަންޖެހޭ ފިޔަވަޅުތައް ވަރަށް އަވަހަށް އެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު، ވަނީ މިނިސްޓަރ އޮފް ހޯމްއެފެއާޒް މުހަންމަދު ޝިހާބަށް އަންގަވައިފަ އެވެ.