އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާނުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި 12 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ސުޕްރީމު ކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.

ސުޕްރީމް ކޯޓުން ނެރުނު އަމުރު ރައްދުވަނީ ފުލުހުންނާއި ކަރެކްޝަނަލް ސާވިސެސް އަދި ކަމާ ބެހޭ އެންމެހާ ފަރާތްތަކަށެވެ.

އެ އަމުރުގައި އަންގާފައިވަނީ އިމްރާނަށް އިއްވާފައިވާ 12 އަހަރުގެ ޖަލު ހުކުމާ ގުޅިގެން އެއްވެސް ފަރާތަކުން އިމްރާނާމެދު އެއްވެސް ފިޔަވަޅެއް ނޭޅުމަށެވެ.

މި އަމުރު މިފަދައިން ނެރުމުގެ ސަބަބުން، އިމްރާނުގެ މައްޗަށް އިއްވާފައިވާ ހުކުމާ މެދު އެހެން ގޮތަކަށް ކަނޑައަޅަންދެން އޭނާ މިނިވަންވާނެއެވެ.

"ކްރިމިނަލް ކޯޓުގެ ހުކުމާ ގުޅިގެން [12 އަހަރުގެ ޖަލު ހުކުމް] މ. ކޮޅުފުށި، މަލްހާރު އިމްރަން އަބްދުﷲއާ މެދު އެއްވެސް ފަރާތަކުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުގެ މައްޗަށް އަންގާ އަމުރުކޮށްފީމެވެ،" ސުޕްރީމް ކޯޓުން ނެރުނު އަމުރުގައިވެއެވެ.

ސުޕްރީމް ކޯޓުން އެ އަމުރު އެގޮތަށް ނެރެފައިވަނީ އިމްރާނުގެ ފަރާތުން ވަގުތީ އަމުރަށް އެ ކޯޓުގައި އެދިފައިވާތީއެވެ.

ޝައިހް އިމްރާނުގެ ޖަލުހުކުމް ރިވިއު ކޮށްދިނުމަށް އެދި މިދިޔަ މަހުގެ 29 ގައި ވަނީ ސުޕްރީމުކޯޓަށް ހުށަހަޅައިފައެވެ.

ޓެރަރިޒަމްގެ ކުށް ސާބިތުވެ ޝައިހް އިމްރާނުގެ މައްޗަށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު އެ ހުކުމަށް ހައިކޯޓުން ތާއީދުކުރުމުން ސުޕްރީމު ކޯޓުގައި ހުކުމް އިސްތިއުނާފްކުރުމަށް މީގެ ކުރިން ވަނީ ހުށަހަޅައިފައެވެ. އިމްރާނު މިވަގުތު ހުންނެވީ ގޭބަންދުގައެވެ.

ޝައިހް އިމްރާނުގެ ޖަލުހުކުމް ތަންފީޒު ކުރުން ފަސްކުރަން އަމުރުކޮށްފައިވާއިރު ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލުހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް ނަޝީދުގެ ހުކުމް ތަންފީޒުކުރުން ފަސްކުރަންވެސް ސުޕްރީމުކޯޓުން ވަނީ އަމުރުކޮށްފައެވެ.

ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ވަޑައިގެން ތިން އަހަރެއްހައި ދުވަހު ބޭރުގައި ހުންނެވުމަށްފަހު ނަޝީދު މިއަދު ވަނީ މާލެ ވަޑައިގެންފައެވެ.