25 Sep 2011, 15:49
ޕްރެމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ޗެލްސީ އާއި، އާސެނަލް އަދި މެންޗެސްޓާ ސިޓީ މޮޅުވިއިރު، ސްޓޯކް އިން އެއްވަނާގައި އޮތް މިދިޔަ ސީޒަނުގެ ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑް ހިފަހައްޓައިފި އެވެ.
ލީގަށް އަލަށް ޕްރޮމޯޓުވި ސްވަންސީ ސިޓީ އަތުން ޗެލްސީ މޮޅުވީ 4-1 ލަނޑުންނެވެ. މެޗުގެ 29 ވަނަ މިނެޓުގައި ޗެލްސީގެ ސްޕެއިން ފޯވާޑް ފެނާންޑޯ ޓޮރޭސް ލަނޑެއް ކާމިޔާބުކޮށް ލީޑު ހޯދައިދިން އިރު، ދެވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ބްރެޒިލް މިޑްފީލްޑަރު ރަމިރޭސް އެވެ. މެޗުގެ 36 ވަނަ މިނެޓުގައި ރަމިރޭސް ދެލަނޑުގެ ލީޑެއް ހޯދައި ދީފައި ވަނިކޮށް، އޭގެ ތިން މިނެޓް ފަހުން ފެނުނީ ޓޮރޭސް އަށް ރަތް ކާޑޫ ދައްކާ ދަނޑުން ފޮނުވާލި ތަނެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 2-0 ލަނޑުން ދިހަ ކުޅުންތެރިންނާ އެކު ކުޅެމުން އައި ޗެލްސީ ކުރީގައި އޮވެގެންނެވެ.
ދިހަ ކުޅުންތެރިންނާ އެކުވެސް މޮޅު ކުޅުމެއް ދެއްކި ޗެލްސީ އިން މެޗުގެ 76 ވަނަ މިނެޓުގައި އިތުރަށް ލީޑު ފުޅާ ކުރިއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ލަނޑުވެސް ކާމިޔާބު ކޮށްދިން ރަމިރޭސް އެވެ. މެޗުގެ 86 ވަނަ މިނެޓުގައި އޭޝްލީ ވިލިއަމްސް ވަނީ ސްވަންސީގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދީފައެވެ. މެޗުގެ އެންމެ ފަހު މިނެޓުގައި އަނިޔާ އަށް ފަހު ދެވަނަ ހާފުގައި ފެނުނު ޑިޑިއޭ ޑްރަގްބާ ޗެލްސީގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކޮށްދިނެވެ. މިމެޗު ނިމިގެން ދިޔައީ 4-1 ލަނޑުން ޗެލްސީ ކުރީގައި އޮވެގެންނެވެ.
އާސެނަލް ވަނީ ބޮލްޓަން ގެ މައްޗަށް 3-0 ލަނޑުން ރޭ ކުރި ހޯދާފައެވެ. މިމެޗުގައި 46 އަދި 71 ވަނަ މިނެޓުގައި އާސެނަލްގެ ކެޕްޓަން ރޮބިން ވެން ޕާސީ ލީޑު ހޯދައިދިން އިރު، ތިންވަނަ ލަނޑު މެޗުގެ 89 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އެލެކްސް ސޯންގް އެވެ. މިމެޗުގެ 55 ވަނަ މިނެޓުގައި ބޮލްޓަންގެ ޑިފެންޑަރު ޑޭވިޑް ވީޓާ އަށް ވަނީ ރަތް ކާޑު ދައްކާފައެވެ. މިމެޗު ނިމިގެންދިޔައީ 3-0 ލަނޑުން އާސެނަލް ކުރީގައި އޮވެގެންނެވެ.
އެވަޓަން އަތުން މެންޗެސްޓާ ސިޓީ މޮޅުވީ 2-0 ލަނޑުންނެވެ. ފުރަތަމަ ލަނޑު މެޗުގެ 68 ވަނަ މިނެޓުގައި މާރިއޯ ބަލޮޓެލީ ކާމިޔާބު ކޮށްދިން އިރު، ދެވަނަ ލަނޑު މެޗުގެ 89 ވަނަ މިނެޓުގައި މެންސިޓީ އަށް ކާމިޔާބު ކޮށްދިނީ ޖޭމްސް މިލްނާ އެވެ.
މެންޗެސްޓާ ޔުނައިޓެޑާއި ސްޓޯކް ބައްދަލު ކުރި މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރު ވެގެންނެވެ. މެޗުގެ 27 ވަނަ މިނެޓުގައި ނާނި މެންޔުނައިޓެޑަށް ކުރި ހޯދައިދީފައި ވަނިކޮށް މެޗުގެ 52 ވަނަ މިނެޓުގައި ޕީޓާ ކްރައުޗް ސްޓޯކަށް އެއްވަރު ކޮށްދީފައި ވެއެވެ.
ވޮލްވްސް އާއި ވާދަކޮށް ލިވަޕޫލް މޮޅުވީ 2-1 ލަނޑުންނެވެ. ފުރަތަމަ ލަނޑު މެޗުގެ 11 ވަނަ މިނެޓުގައި ވޮލްވްސް ގެ ޑިފެންޑަރު ރޮޖާ ޖޯންސަން އަތުން ވަނީ ބައިކޮޅަށެވެ. މެޗުގެ 38 ވަނަ މިނެޓުގައި ލުއިސް ސުއަރޭޒް ވަނީ ލިވަޕޫލް އަށް ލީޑު ފުޅާ ކޮށްދީފައެވެ. މެޗުގައި ވޮލްވްސް އިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު ލިވަޕޫލްގެ ގޯލު ތެރެއަށް ވައްދާލީ ސްޓީވަން ފްލެޗާ އެވެ.
ވިގަން އެތްލެޓިކް އަތުން ޓޮޓެންހަމް ހޮޓްސްޕާ މޮޅުވީ 2-1 ލަނޑުންނެވެ. ޓޮޓެންހަމްގެ ފުރަތަމަ ލަނޑު މެޗުގެ ތިންވަނަ މިނެޓުގައި ވެންޑަ ވާޓް ކާމިޔާބުކޮށްދިން އިރު، ދެވަނަ ލަނޑު މެޗުގެ 23 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ގެރަތް ބޭލް އެވެ. މެޗުގައި ވިގަން އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 50 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މޮހައްމަދު ޑިއާމް އެވެ.
ބްލެކްބާން އަތުން ނިއުކާސަލް ޔުނައިޓެޑް މޮޅުވީ 3-1 ލަނޑުންނެވެ. މެޗުގެ 27، 30 އަދި 54 ވަނަ މިނެޓުގައި ނިއުކާސަލް ގެ ލަނޑުތައް ކާމިޔާބުކޮށް ޑެމްބަބާ ވަނީ ހެޓްރިކެއް ހަދާފައެވެ. މެޗުގެ 37 ވަނަ މިނެޓުގައި ބްލެކްބާން އިން ޖެހި ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ ޑޭވިޑް ހޮއިލެޓް އެވެ.
މިނަތީޖާ ތަކުގެ ސަބަބުން ލީގުގެ ގަދަ ހަތަރަކަށް ބަދަލެއް ނާދެއެވެ. އެއްވަނާގައި 16 ޕޮއިންޓާއެކު މެން ޔުނައިޓެޑް އެއްވަނާގައި އުޅޭއިރު، ދެވަނާގައި އޮތް މެންސިޓީ އަށް ވެސް ލިބިފައިވަނީ 16 ޕޮއިންޓެވެ. މެންޔުނައިޓެޑް ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. ތޭރަ ޕޮއިންޓާއެކު ތިންވަނަ ޗެލްސީ އަށް ލިބޭއިރު، ހަތަރު ވަނާގައި ބާރަ ޕޮއިންޓާއެކު އުޅެނީ ނިއުކާސަލް އެވެ.
ޕްރެމިއާ ލީގުގައި މިރޭ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައި ވެއެވެ. ކުއީން ޕާކް ރޭންޖާސް އާއި ދެކޮޅަށް އެސްޓަން ވިލާ ނުކުންނަ މިމެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭ ގަޑިން މިރޭ 8:00 ގައެވެ.